ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ފުލުހުންނަށް 3000 (ތިންހާސް) ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފިއެވެ.

އެސް.ޓީ.އޯގެ ފަރާތުން މި ސޭފްޓީ ގޮގްލްސްތައް ފުލުހުންނަށް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އަދި ފުލުހުންގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

Ad
rt

ފުލުހުންނަށް ހަދިޔާކުރި މި 3000 ސޭފްޓީ ގޮގްލްސްއަކީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީއާއެކު ބޭނުންކުރެވިދާނެ ގޮގްލްސްތަކެއްކަމަށާއި މިތަކެއްޗާއެކު ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެކަމަށް އެކުންފުނިން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ހިސާބުން، އެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ފުލުހުންގެ މުއައްސަސާއިން އަންނަނީ ކުރީ ސަފުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

ކޯވިޑް-19އާ ދެކޮޅަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގައި ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެސް.ޓީ.އޯއިން ވަނީ މިިދިޔަ އޯގަސްޓްމަހު ފުލުހުންގެ ލެބޯޓްރީއަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް ބޭނުންކުރާނެ ޕީ.ސީ.އާރް މެޝިނެއްވެސް ހަދިޔާކޮށްފައެވެ.