ވެލާ އަދި ކަހަނބު ރައްކާތެރި ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ، ވެލާ ކަހަނބު ބާވަތްތަށް ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން (ނަންބަރު4/93) ގެ4 ވަނަ މާއްދާގެ (ހ) ގެ ދަށުން4 އޭޕްރީލް2016 ގައި ހިމާޔަތް ކުރެވިފައެވެ. އަދި އެންވާރަމެންޓް މިނިސްޓްރީއިން ޢާންމު ކޮށްފައިވާ މި އިޢުލާނާއި ހަވާލާދީ ކޮމަންޑޫ ކައުންސިލްގެ އިޢުލާނުގައި ވަނީ، ވެލާ ކަހަނބުގެ އެއްވެސް ބާވަތަަކަށް އަނިޔާކޮށް ހިފާ ގެންގުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އަދި ވެލާ، ކަހަނބުގެ ބިސް ނެގުމާއި، ބިސްވަޅު ކޮނުން ފަދަ ކަންކަން ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

Ad
rt

މީގެ އިތުރުން، އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ނެތި އެ ތަކެތި ދިރާސާ ކުރުމާއި، އެތަކެތި އާލާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މަނާ ކަމެކެވެ. އަދި މިއާ ޚިލާފުވާ އެންމެހާ ފަރާތްތަކަށް ތިމާވެއްޓަށް ގެއްލުންދޭ ޖޫރިމަނާގެ ޤަވާއިދު (ޤަވާއިދު ނަންބަރު: 9-R/2011) ގެ ދަށުން ފިޔަވަޅު އެޅެމުން ދާނެ ވާޙަކަވެސް ވަނީ މި އިޢުލާނުގައި ބަޔާންކޮށްފައެވެ.

އަދި މި ފަދަ ޢަމަލުތައް ހިންގުމާއި، ވެލާ، ކަހަނބު ފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ ޤާނޫނީ ކުށެއް ކަމުގެ އިތުރުން، މިކަން ކަން ނުކުރުމަށް ޢާންމު ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށްވެސް މި އިޢުލާންގައިވަނީ ފާހަގަކުރައްވާފައެވެ.

ތިމާވެށީގެ ގާނޫނު ގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް، އެންވާރަމަންޓް މިނިސްޓްރީން ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. މީގެ ކުރިން ވެލާ ކަހަނބު ހިމާޔަތްކުރީ 2005 ވަނަ އަހަރު އެވެ. އެކަމަކު އެއީ 10 އަހަރުގެ މުއްދަތަށެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައްތައް

ވެލާ ކަހަނބުގެ ބާވަތްތައް ހިފުން
ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
ވެލާ ކަހަނބު ގެންގުޅުން
ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން

މީގެ އިތުރުން އެއްވެސް ފަރާތަކުން ވެލާ އާ ބެހޭ ދިރާސާ ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް މިނިސްޓްރީގެ ހުއްދަ ނުހޯދައި ކުރުމަކީވެސް މަނާ ކަމެކެވެ. އެ މިނިސްޓްރީން ބުނީ މިހާތަނަށް އެއްވެސް ފަރާތަކުން ވެލާ އާލާކުރުމާއި އެތަކެއްޗާ ބެހޭ ދިރާސާއެއް ހަދާ ނަމަވެސް އެކަން އެ މިނިސްޓްރީއަށް އެންގުމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް އެކަން އަންގައި ހުއްދަ ހޯދުމަށެވެ.

ވެލާ ކަހަނބަށް ގެއްލުންވާގޮތަށް އަމަލުކުރާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތަށް އަދަބުދޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.