ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަ ކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން ހުސްވި ސެޕްޓެމްބަރުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖައަށް ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ހުސްވި ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީ ރަޝިޔާއެވެ.
ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ 2065 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ސެޕްޓެމްބަރު މަހު ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 1029 މީހުން ޒިޔާރަތްކުރި ޔޫއޭއީއިންނެވެ.
މިދިޔަމަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ތިންވަނަ ޤައުމަކީ ކޯވިޑްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއެވެ. އެ ޤައުމުން 935 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
ސެޕްޓެމްބަރު މަހު ފަތުރުވެރިން ރާއްޖެއަށް އިތުރަށް އައި ޤައުމުތައް
- ޔޫކޭ- 625 ފަތުރުވެރިން
- ސްޕެއިން- 466 ފަތުރުވެރިން
- ބްރެޒިލް- 444 ފަތުރުވެރިން
- ޖަރުމަނުވިލާތް- 363 ފަތުރުވެރިން
- ފްރާންސް- 279 ފަތުރުވެރިން
- އިންޑިއާ- 262 ފަތުރުވެރިން
- މިސްރު- 232 ފަތުރުވެރިން
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
ކޯވިޑާއި ގުޅިގެން ހުއްޓުމަކަށްއައި ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު އަންނަ އޮކްޓޯބަރުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓު ހުޅުވޭނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ލަފާކޮށްފައިއެވެ.
އަލުން ބޯޑަރު ހުޅުވާލި ފަހުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް މިހާތަނަށް ހުއްދަ ދީފައެވެ. މީގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް ދެ މަސް ތެރޭ ހިދުމަތް ފަށަން ނިންމާފައިވާ ރިސޯޓުތައްވެސް ހިމެނެއެވެ.
މިހާތަނަށް 109 ޓޫރިސްޓު ވެސެލް / ސަފާރީ އަށް އޮޕަރޭޓު ކުުރުމުގެ ހުއްދަ ދީފައިވާއިރު ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް 32 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ އަންނަ މިހުގެ 15 ވަނަ ދުވަހު މާލެ ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ.
މިއަހަރުގެ ޖެނުއަރީއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 411،627 ފަތުރުވެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!