ރާއްޖޭގައި ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ "ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއިއެކު މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރާއްޖޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވާން ދިމާވެދާނެ ކަމަށް ހަނދާންކޮށް، އެ ކަން އެ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ނައިބު ރައީސް ވަނީ އެދި ވަޑައިގެންފައި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ދަށުން މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އަދި ޞިއްޙީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ، މި ބައްޔާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑް-19ގެ މިހާލަތުގައި ނައިބު ރައީސް ގެންދަވަނީ އެމައްސަކަތުގައި ސާމިލްވެވަޑައިގަންނަވާ ބޭފުޅުންނާއިއެކު އިސް ސަފުގައި މަސައްކަތް ކުރަށްވަމުންނެވެ.