ހއ. ހޯރަފުށީ ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ އަތޮޅުގެ 12 ރަށަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ސިޓީ ފޮނުވައިފިއެވެ.
ހއ އަތޮޅުގައި 14 ރަށުގައި މީހުން ދިރިއުޅޭއިރު 12 ރަށަކުން ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ.
ހޯރަފުށި ދާއިރާ ހިމެނޭ ތުރާކުނާއި ހޯރަފުށި ފިޔަވާ ހއ އަތޮޅުގެ އެހެންރަށްރަށުގެ ކައުންސިލްތަކުން ފޮނުވި ސިޓީތަކުގައި އެދިފައި ވަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޖެޓީގެ މަސައްކަތް ނިންމައިދިނުމަށާއި މުޅި އަތޮޅަށް ލާބަ އާއި މަންފާ ލިބޭނޭ ގޮތަށް އެއާޕޯޓްގެ މަސައްކަތް ބައްޓަންކޮށްދެއްވުމަށެވެ.
ހއ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދު ﷲ ޙުސައިން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ކައުންސިލްތަކުން ފޮނުވާފައިވާ ސިޓީތަށް ހއ. އަތޮޅު ކައުންސިލްއަށްވެސް ލިބިފައިވާކަމަށެވެ.
ޢަބްދު ﷲ ޙުސައިން ވިދާޅުވީ އެއަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު، އެއާޕޯޓް ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑުވާނެ ގޮތަކަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެއަތޮޅަށް ވަޑައިގެން ހޯރަފުށީ އެއަރޕޯޓްގައި ވަކިން އަރާ ފޭބޭނެގޮތަށް ވަކި ޖެޓީއެއް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އަތޮޅު ރައްޔިތުންގެ އުންމީދަކީ މިގޮތަށް މިކަން ނިމިގެންދާއިރު ފުރިހަމަ ވެގެން ދިއުންކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ. ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!