އުތުރުގެ މަރުވެ، ނެތެމުންދާ ކަނޑޫފާ ތަކުގެ ހިމާޔަތަށް، ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ތިމާވެށީގެ ހިމާޔަތުގައި އަޑު އުފުލައި، މަސައްކަތް ކުރާ ކުޅުދުއްފުށްޓަށް ނިސްބަތްވާ ހަރަކާތެއް ކަމަށްވާ ''ބިލީފް'' އިން ބުނެފިއެވެ.

އެ ހަރަކާތުން ބުނީ އުތުރުގެ ގިނަ ޢަދަދެއްގެ ކަނޑޫފާތައް މަރުވަމުންދާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Ad
rt

އެހެންކަމުން ކަނޑޫފަތުގެ ހިމާޔަތުގައި މަސައްކަތްކުރާ ހުރިހާ ކްލަބް، ޖަމްޢިއްޔާތަކާއި، ވަކި ފަރުދުންނާއި، އެކި ހަރަކާތްތަކާއި އަދި އެނޫންވެސް ކަމާގުޅުން ހުރި އެންމެހާ ފަރާތްތަކާއި ގުޅިގެން އެ ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ''ބިލީފް'' އިން ބުންޏެވެ.

''ބިލީފް'' ގައި އިސްކޮށް ހަރަކާތްތެރިވާ، އެހަރަކާތުގެ ފައުންޑާ އަފާ ޙުސައިން ''ތިލަދުން''އަށް ބުނީ އެ ހަރަކާތުން މިހާރުވެސް ދަނީ ''ސޭވް މޯލްޑިވްސް'' ހަރަކާތާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން ވެސް އުތުރުން މަރުވަމުންދާ ކަނޑޫފާ ތަކަށް ދިމާވާ މައްސަލަ ދިރާސާ ކުރުމަށް ބޭރުގެ ޖަމާއަތެއްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަފާ ބުންޏެވެ.

'''އަޅުގަނޑުމެން މިދަނީ މިދާއިރާގައި މަސައްކަތް ކުރާ އަވަށްޓެރި ޤައުމެއްގެ ޖަމްޢިއްޔާއަކާއި ވެސް ވާހަކަ ދައްކަމުން، އެ ޖަމްޢިއްޔާއިން މިހާރު ވަނީ އުތުރުގެ ކަނޑޫފާތައް މަރުވާ މައްސަލަ ދިރާސާ ކުރުމަށް ބައިވެރިވުން ދޭނެ ކަމަށް އަޅުގަނޑުމެންނަށް ފެހި ސިގުނަލެއް ދީފައި'' އަފާ ބުންޏެވެ.

އަފާ އިތުރަށް ބުނީ ހދ. ވައިކަރަދޫ ކަނޑޫފާ ނެތެމުންދާ މައްސަލާގައި އެކަމުގައި އިސްނަގައި މަސައްކަތް ކުރަމުންދާ އެރަށުގެ ޒުވާނުން ކޮޅަކަށް ވެސް ''ބިލީފް''އިން އެހީތެރިވެ، ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

'''ނޮޅިވަރަމް ކަނޑޫފާ މަރުވާ ޚަބަރު ލިބިގެން އެކަންވެސް އަޅުގަނޑު ވާނީ ބަލައި، މިހާރު މީޑިއާގެ ސަމާލު ކަމަށް ގެެނެސް، އެކަން ބަލައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި'' އަފާ ބުންޏެވެ.

'''ބިލީފް''އިން ވަނީ އުތުރުގެ ށ. ފޭދޫ ކަނޑޫފަލާއި، އެ އަތޮޅު ފަރުކޮޅު ކަނޑޫފަލާއި އަދި ހއ. އުލިގަމު ކަނޑޫފާ މަރުވާ މައްސަލަ ފުރަތަ މީޑިއާގެ ސަމާލުކަމަށް ގެނެސް އެކަން ބަލައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

''ބިލީފް'' ހަރަކާތުގެ ފަރާތުން އަފާ ބުނީ އުތުރުގެ ކަނޑޫފާތަކަށް ދިމާވަމުން މިދާ މައްސަލައަކީ ހަމައެކަނި އުތުރުގެ ކަނޑޫފާތަކަށް ދިމާވާ މައްސަލައެއްތޯވެސް ބަލަމުންދާ ކަމަށެވެ. މި ގޮތުން ރާއްޖޭގެ އެހެން ހިސާބުތަކަށް ގުޅައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަފާ ބުންޏެވެ.

''ބިލީފް''އަކީ ކުޅުދުއްފުށީ ކުޅީގެ ހިމާޔަތުގައިވެސް ސޭވް މޯލްޑިވްސް އަދި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) އާއިއެކު މަސައްކަތްތަކެއްކޮށް، އެ ކުޅީގެ ބާކީބައިގެ ދިރުންތައް ހިމާޔަތް ކުރެވޭނެ ގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާގައި ބައިވެރިވެފައިވާ ހަރަކާތެކެވެ.

މީގެއިތުރުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ ދުވަސްތައް ފާހަގަކޮށް، ހަރަކާތްތައް ރާ ހިންގުމާއި، ސަރަޙައްދީ ބައެއް ބައްދަލުވުން ތަކުގައިވެސް އެ ހަރަކާތުން ވަނީ ބައިވެރިވެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކޮށްފައެވެ.

އުތުރުގެ ގިނަ ކަނޑޫފާތަކެއް ދަނީ މަރުވަމުންނެވެ. މި ގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް ހއ. ކެލާ އަދި ހއ. އުލިގަމުގެ ކަނޑޫފާ ދަނީ މަރުވެ، ނެތެމުންނެވެ.

މި ކަނޑޫފާ ތަކުގެ ތެރެއިން ނޭކުރެންދޫއާއި، ކެލާ ކަނޑޫފާ މަރުވާ ސަބަބު ދެނެގަންނަން ސަރުކާރުން ވަނީ ދިރާސާ ކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ދެނެ ގަތުމަށް ރާއްޖޭގެ ތިމާވެށީގެ ދިފާއުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ސޭވް މޯލްޑިވްސް ހަރަކާތް އިސްވެއޮވެ، އެރަށުގެ ކައުންސިލާއި ގުޅިގެން ވަނީ މިއަހަރުގެ ޖުލައި މަސްތެރޭގައި އެރަށު ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ފަށައިފައެވެ.

ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.