އެކި އަތޮޅުތަކުން ޚިދުމަތް ހޯދަން ކޭއާރުއެޗްއަށް ދިއުމަކީ، އިތުބާރު ލިބެމުންދާކަމުގެ ހެއްކެއް: ނައިބު ރައީސް

Naib Raees KRH

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކަކީ، ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެފައިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމުގަ އެވެ. އަދި، ކޯވިޑް-19 ގެ ޙާލަތުގައި ވެސް، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާއިގުޅޭ އެހެން އިދާރާތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާއިގުޅޭ ހުރިހާ މުޢައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަށް ފާހަގަކުރައްވައި، އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި