އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނެޝަނަލް ޑައެބެޓިކް ސެންޓަރު (ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރު) ހުޅުވުވައިފި އެވެ.
އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި އެ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓިކް ސެންޓަރ (ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރ) އެއް ޤާއިމްކޮށް ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމި، ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި މިއަދު ހުޅުވާފައިވާކަމަށެވެ.
އެހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭކަމަކަށްވުމާއިއެކު، މިފަދަ ބަލިމީހުންނަށް އެއް ފުރާޅެއްގެ ދަށުން މި ހިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ވާތީއެވެ.
މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއްކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ. މި އިންތިޒާމު ތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރައްވާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ.
މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ވަޑައިގެންނެވުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓްވެސް މުސްތަޤުބަލުގައި މި ސެންޓަރުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ޙިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް މެސެޖެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.
އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބޭހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި، ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މިކަމާއިބެހޭ ދިރާސާތައް ކުރުން ހިމެނެއެވެ. ހަމައެއާއިއެކު ކައިރި މުސަތްޤުބަލެއްގައި މި ޑައިބެޓިކް ސެންޓަރު އެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެ ވާލުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
ނެޝަނަލް ޑައިބެޓިކް ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމަށާއި މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335329 ނުވަތަ މެއިލްގެ ޒަރިއްޔާއިން ނަމަ، nationaldiabetescentre@igmh.gov.mv އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!