ކޯވިޑް-19 ގެ ކޭސްތައް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސްގަޑިއިރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ގެންދަވަނީ އާ ޢާއްމު ޙާލަތަކުން ޢާއްމު ޙާލަތަކަށް ދާންކަމަށެވެ.

Ad
rt

އެހެން ކަމުން މިއަންނަ ހަފުތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމައި، އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔަވާ ވަގުތު 5 ގަޑިއިރަށް އިތުރުކުރަން މިހާރު ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅު ވިއެވެ.

މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ކިޔަވައިދިނުމަށްވުރެ ދަރިވަރުންނަށް އެންމެ ފައިދާ ބޮޑު ގޮތެއްގައި ކިޔަވައިދެވޭނީ ސްކޫލަށް ކުދިން ހާޒިރުވެގެން މުދައްރިސާއެކު ވަގުތު ހޭދަކުރެވިގެންކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.

"މީގެކުރިން ގަޑިތައް ނަގަމުން އައީ ކްލާހަށް ހާޒިރުވެގެން ވަކި ގަޑިތަކެއް އަދި އޮންލައިންކޮށް ވަކިގަޑިތަކެއް. މިހާރު މިއޮތް ގޮތުން އަންނަ ހަފްތާއިން ފެށިގެން އަތޮޅުތެރޭގައި އޮންލައިންކޮށް ކިޔަވާ ގަޑިތައް މަދުކޮށް ކުލާސްތަކަށް ހާޒިރުވެގެން ކިޔަވާ ގަޑިތައް އިތުރުވާނީ." މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިއަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ. އެބައްޔާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތަކުގެ ކިޔެވުން ފެށީ 4 ގަޑިއިރަށް ކިޔަވައިދޭ ގޮތަށެވެ.