މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެންޑޭޓްގައި ހުރީ ރައީސް ޞާލިޙްގެ ވަޢުދު ފުޅުތަކެއް ކަމަށާއި، ރައީސް ބޭނުންފުޅުވަނީ ރާއްޖެ ތަރައްޤީ ކުރަން ކަމަށް ވުމާއިއެކު، ކޯވިޑް ނުވަތަ ބަލި މަޑުކަމެއް އައިސްފިކަމަށްބުނެ އެއްވެސް މަޝްރޫޢުއެއް ހުއްޓައި ނުލަށްވާނެ ކަމަށް އެމްޓީސީސީގެ ސީސީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ސަންގު ޓީވީގެ ''ސަރުކާރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއާއި ހަވާލު ވެފައިވަނީ ރައީސް ޞާލިޙްގެ ވަޢުދުފުޅު ތަކާއި ގުޅޭ ގިނަ މަޝްރޫޢުތަކެއް ކަމަށާއި، އެއްވެސް ކަމެއް ކޯވިޑް އައީކަމަށް ބުނެ ނުވަތަ ކޯވިޑްގެ ބޮލުގައި އަޅުވާފައި ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން ތިބީ ތަރައްޤީއަށް އެދި އެދި ކަމަށާއި، ކޯވިޑްގެ ސަބަބުން އެއްވެސް މަޝްރޫޢުއެއް އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ދެކިވަޑައިގެންނެވި ކަމަށެވެ.
''އުނދަގޫ ދުވަސްތައް އައިސްފައި ގޮސްފި، އެވެސް ދުވަހެއް، މިވެސް ދުވަހެއް، އެއްވެސް ކަމެއް ތާ އަބަދަށް އޮތީކީ ނޫން، އުނދަގޫ ހާލަތުތައް އައިސް ދޭ، އަނެއްކާ މިއޮތީ އުނދަގޫ ދުވަހެއް އައިސްފައި، އޭގެ މާނައަކީ އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓާލާށެކޭ ނޫން. އަޅުގަނޑުމެން އެމްޓީސީސީގެ ނިންމުމަކަށްވީ ރައީސްގެ ވަޢުދުތައް ރަނުން ރަނަށް ފުއްދައި ދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުންއައި މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުން''
އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ލޮކްޑައުނަކަށް ޤައުމު ދިއުމުންވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބަލައި، މުޅިޓީމު ގޭގައި ތިބެގެން ޓީމުގެ ބެކް އޮފީސް ގެއަށް ބަދަލުކޮށްގެން ވެސް މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދެވި ކަމަށެވެ. އަދި ހެނދުނު އަށަކުން ހަވީރުވަންދެން މުޅި ޓީމު މަސައްކަތް ކުރަމުން ދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ.
''އޮފީސް ހިންގާ ގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރަމުން ދިޔައީ، ޕްރިންޓް ކުރުމަށް ކަހަލަ ކަންކަމަށް ފިޒިކަލީ ކޮންމެހެން އޮފީހަށް ނުކުންނަ ޖެހޭ މަދު ކުދިން ކޮޅެއް އޮފީހަށް ނުކުތީ، ދެން އަޅުގަނޑުމެންގެ ސައިޓުތަކުގައި ވެސް މަސައްކަތްތައް ނުހުއްޓި ދިޔަ، ޓްރާންސްޕޯޓްވެސް ނުހުއްޓި ކުރިއަށް ގެންދެވުނު، ﷲ ގެ ރަޙްމަތް ފުޅުން ބަރާބަރަށް ރަނުންނަށް އެމްޓީސީސީގެ މަސައްކަތްތައް ނުހުއްޓިދިޔަ'' އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް ޞާލިޙް ބޭނުންފުޅުވާ ހަލުވި މިނުގައި އެމްޓީސީސީން މިހާރު މަޝްރޫޢަކަށްފަހު މަޝްރޫޢެއް ނިންމަމުންދާ މަންޒަރު ފެންނަމުން އެ ދަނީ ކުންފުނީގެ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.
އާޒިމް ވަނީ ދިވެހީންނަށް އިތުރު ވަޒިފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމުގެ ގޮތުން އެކުންފުނީގެ މަހާޖައްރާފުގައި މި ފެށުނު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށް ވިދާޅުވެފައެވެ.
އެމްޓީސީސީގެ ސީއީއޯގެ އާދަމް އާޒިމް ވާހަކާގައި ވަނީ އެ ކުންފުނީގެ މަސައްކަތްތައް ކާމިޔާބު ކަމާއި ކުރިއަށް ދިޔުމުގައި ރައީސް ޞާލިޙާއި، މުޅި ސަރުކާރުން އެ ކުންފުންޏަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރަށްފާފައި އެވެ. އަދި ވަކިން ޚާއްޞަކޮށް ރައީސް ޞާލިޙް ދެއްވާ އިރުޝާދާއި، ދެއްވާ އެއްބާރުލުން އާޒިމް ވަނީ ފާހަގަ ކުރަށްވާފައިއެވެ.
އެމްޓީސީން އަންނަނީ ސަރުކާރުގެ ގިނަ ބިޔަ އަދި އެކި މިނުގެ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، އެއާޕޯޓްތައް ގާއިމު ކުރުމާއި، ބަނދަރު ހެދުމާއި، ނަރުދަމާގެ މަސައްކަތާއި، އިމާރާތް ކުރުމާއި އަދި މަގު ހެދުންފަދަ އެތައް މަޝްރޫޢުއެއް އެ ކުން ފުނިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!