ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ޝައިޚް ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ކުވޭތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެ ރައީސް ޞާލިޙް ފޮނުއްވެވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ އެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ ކުވޭތު އަމީރުގެ ޙިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅުގެ ސަބަބުން، އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމަށެވެ.
ކުވޭތުގެ އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމުގައިވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
އުމުފުޅުން 91 އަހަރުގައި ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވެފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.
ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ވަނީ، ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. އެ ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!