ހދ. ނޮޅިވަރަމް ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ނޮޅިވަރަމް ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ "ބިލީފް މޯލްޑިވްސް'' އިން ބުނީ ނޮޅިވަރަމްގެ ކަނޑޫފާ މަރުވާ މައްސަލައަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

Ad
rt

ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވަޅުތައް އެޅުމަށް "ބިލީފް މޯލްޑިވްސ'' ވަނީ ގޮވައިލާފައެވެ.

ބިލީފްއިން ވަނީ ނޮޅިވަރަމް ކަނޑޫފަލުގެ މަތިން ނަގާފައިވާ ފޮތޯތަކެއްވެސް ހިއްސާކޮށްފައެވެ. އެފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގެ ކަނޑޫފަލުގެ ބޮޑުބައެއްވަނީ މަރުވެފައެވެ. އެރަށުގެ ބަޔެއް މީހުންނާއި ހަވާލާދީ ބުނެފައިވަނީ ކަނޑޫފަލަށް މިހެން ދިމާވާން ފެށީ ފަހެއް ނުވަތަ ހަ މަސް ކުރިން ކަމަށެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ވަކި ސަރަހައްދުތަކުން އަދި ހާއްސަކޮން އުތުރު ކޮޅުން ވަރަށްގިނަ ގަސް މަރުވެފައިވާކަމަށާއި ކަނޑޫ ގަސްތައް މަރުވަމުން އަންނަކަން ކައުންސިލްއަށް ފާހަގަ ކުރެވިފައިވާތާ ދެއަހަރު ވަރު ވެދާނެކަމަށެވެ. މިމައްސަލަ އީޕީއޭއަށް ނާންގައި ކަމަށާއި ނަމަވެސް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީއިން އެދިލެއްވުމުން މިކަމުގެ މަޢުލޫމާތު އެކޮމިޓީއަށް ހިއްސާކުރެވިފައިވާނޭކަމަށް ރަޝީދު ވިދާޅުވި އެވެ.

ނޮޅިވަރަމަކީ އަތޮޅުގެ ނިސްބަތުން ބިން ބޮޑު، އާބާދީގެ ގޮތުން ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 221.10 ހެކްޓަރެވެ. ދިގުމިނުގައި 2170 މީޓަރު، ފުޅާމިނުގައި 1150 މީޓަރު ހުރެއެވެ.

މީގެ ކުރީން ވަނީ ށ. ފޭދޫ، ހދ. ނޭކުރެންދޫއާއި، ހދ. ވައިކަރަދޫއާއި އަދި ހއ. ކެލާގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ގަސްތައް މަރުވަމުންދާ މައްސަލަ ވެސް ފެންމަތި ވެފައެވެ. ހދ. ނޮޅިވަރަމް ކަނޑޫފާ މަރުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އުތުރުގެ ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން ސަރުކާރުން ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.