އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

photo_2020-09-29_21-37-01

‏ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު މިފައިވާ ކަމަށެވެ. މި މަޝްރޫޢު ފެށުމަށް އިހަވަންދޫއަށް، މަޝްރޫޢުއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 30 މެއި 2020 ގައި އެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 4،582 ސްކޮއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

400 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢު އެކުންފުންޏާ ހަވާލު ކުރެވިފައި ވަނީ، 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހެވެ. މި މަޝްރޫއު އެމްޓީސީއާއި ހަވާލުކުރެވިފައި ވަނީ، 51.72 މިލިއަން ރުފިޔާއަށެވެ.

ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ވެސް ވަނީ  އެ ކުންފުނީގެ ދެވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމައި، އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް މި ކުއާޓާގެ ތެރޭގައި ފަށާފައި ވާކަމަށް ބުނެފައެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢު، . ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *