ށ. ފީވަކު ޒުވާނުން ގުޅުމުގެ ފަރާތުން "އެފް.ޒެޑް.ޖީ ފުޓްސަލް ޗެލެންޖް" ގެ ނަމުގައި ފުޓްސަލް މުބާރާތެއް މިއަހަރުގެ ޑިސެންބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.
އެ ޖަމިއްޔާއިން އިއްޔެކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓީމެއް ހެއްދެވުމަށްފަހު އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޓީމުގެ ނަމާއި، ޓީމުގެ ލޯގޯއާއި ޓީމް ލިސްޓް ފީވަކު ޒުވާނުން މަރުކަޒަށް ހުށައެޅުމަށް އެދޭކަމަށެވެ.
އަދި މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ފަރާތުންވެސް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 150ރ ދައްކަން ޖެހޭނެކަމަށް ބުނެފައިވެއެވެ. މިމުބާރާތަކީ 16 އަހަރުންމަތީގެ އުމުރުފުރާއަށް ބޭއްވޭ މުބާރާތެއްކަމަށާއި މިދުވަސްވަރަކީ ކޯވިޑުގެ ބަލިމަޑުކަން ހަލުވިކަމާއިއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ފީވަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށެވެ.
މި މުބާރާތް ސްޕޮންސަރ ކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި މުބާރާތުގެ މެއިން ސްޕޯންސަރ އަކަށް ކަނޑައަޅަން ހަމަޖެހިފައިވަނީ މި މުބާރާތައް އެންމެ ބޮޑު ޙަރަދެއް ކުރާ ފަރާތަކަށެވެ. މި މުބާރާތުގެ ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ޚަރަދު ކުރަށްވަން ހަމަޖެހިފައިވާ އަދަދަކާއި އެކު، އޮކްޓޯބަރު 30 ވާ ހޯމަ ދުވަހުގެ 21:00 ގައި ފީވަކު ޒުވާނުން މަރުކަޒަށް ސިޓީއަކުން ހުށައެޅުމަށް އެދިފައިވެއެވެ.
އަދި މި މުބާރާތް އޮންނާނެ ވަކި ތާރީހެއް ފަހުން އިޢުލާން ކުރެވޭނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތުދެއެވެ.
ފީވަކު ޒުވާނުންގެ ގުޅުމަކީ ހާއްސަ ގޮތެއްގައި ފީވަކުގެ ޒުވާނުންގެ ހިތުގައި ކުޅިވަރަށް އޮންނަ ލޯބި އާލާކޮށް، ކުޅިވަރުގެ ރޫހު ރަށުގައި އިތުރުކޮށް ފުޅާކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާގެ ފަރާތުން ދަނީ ފީވަކު ޒުވާނުންނަށް ހާއްސަކޮށް ތަފާތު އެކި އެކި މުބާރާތްތަށް ބާއްވާ ހިންގަވަމުންނެވެ. އަދި ރަށުން ބޭރުގެ ޓީމްތަކާއި އެކު އެކުވެރިކަމުގެ ފުޓުބޯޅަމެޗުތަކާއި ވޮލީމެޗުތައްވެސް މި ޖަމިއްޔާގެ ފަރާތުން އަންނަނީ ރާވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!