ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި

އަދިވެސް ފޮޓޯ
އަދިވެސް ފޮޓޯ

އަވަށްޓެރި އިންޑިއާގެ ސިފައިންގެ 19 މީހަކު ހދ. ހަނިމާދޫގައި، ހޯމް ކަރަންޓީނު ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 19 ސިފައިން ހަނިމާދޫއަށް ދިޔައީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މި ސިފައިން ހޯމް ކަރަންޓީނުގައި ތިބީ ހަނިމާދޫގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން އެ ރަށުގެ 5 ތަނެއްގައި ކަމަށް މަަޢުލޫމާތު ލިބިއެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ބުނީ ދެ ދުވަސް ކުރީން އިންޑިއާ ސިފައިންގެ 19 މީހަކު ހަނިމާދޫގައި ހޯމް ކަރަންޓީނު ވެފައި ވާ ކަމަށެވެ.

''އެ އިންޑިއާގެ 19 ސިފައިން ކަރަންޓީނު ވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، އެ ސިފައިން އައުމުގެ ކުރިން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖައްސައި، މި ރަށު ހޯމް ކަރަންޓީނަށް އައީ ކަނޑައެޅިފައިވާ އުސޫލްތަކާއި އެއް ގޮތަށް''

އެ އޮފިޝަލް ބުންޏެވެ.

އެ 19 ސިފައިން އެރަށަށް ދިއުމުގެ ކުރިން އެ ސިފައިންގެ، ނެގެޓިވް ކޯވިޑް ޓެސްޓް ތަކުގެ ހާޑު ކޮޕީވެސް ކައުންސިލަށް ފޮނުވި ކަމަށް އެ އޮފިޝަލް ބުންޏެވެ. އަދި އެ ސިފައިން ހޯމް ކަރަންޓީނަށް މަޑު ކުރަން ކުއްޔަށް ހިފި ތަންތަންވެސް އުސޫލާ އެއްގޮތްތޯ ބެލުމަށް ފުރުޞަތު ދިން ކަމަށް ވެސް އެ އޮފިޝަލް ބުންޏެވެ.

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނު ވެފައި ވާއިރު، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާ ބޯޓު މިއަދު ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިއެވެ. އެ މަތިންދާ ބޯޓުން އިންޑިއާ ސިފައިންގެ 9 މީހަކު ވަނީ ހަނިމާދޫއަށް ގޮސްފައެވެ. އެ މީހުން މަޑުކޮށްފައި ވަނީ ހަނިމާދޫ އެއާޕޯޓު ސަރަޙައްދުގައި ހުންނަ ކުއްޔަށްދޭ ކޮޓަރިތަކެއްގައި ކަމަށް އެނގިފައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށާއި މި މަތިންދާބޯޓު އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އަދި އެ މަތިންދާބޯޓު ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ދަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ. މި ގޮތުން މި މަޝްރޫޢުގެ ދަށުން އެ އާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށާއި، އައު ޓާމިނަލެއް އެޅުމަށް ވަނީ ނިންމާފައެވެ. އެ އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި