ކޮޗިން-ރާއްޖެ ފެރީގެ ދަތުރުތައް ފެށުމާއިއެކު އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި، ޕީޕީއެމްގެ ނަައިބު ރައީސް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކައިން އެ ދެ ބޭފުޅުންނަށް ވަރަށް އަސަރު ކޮށްފިކަން އެނގިއްޖެ ކަމަށާއި، އުތުރު ނުހުއްޓުވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ކޮޗިން-ރާއްޖެ ފެރީގެ ދަތުރުތައް ފެށުމާއި ގުޅުވައިގެން އަދުރޭއާއި، މުއިއްޒު ދައްކަވާފައިވާ ވާހަކަ، ދެ ނޫހުން ގެނެސްދީފައިވާ ޚަބަރުގެ ސްކްރީން ޝޮޓް ހިއްސާކުރަށްވާ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

މިގޮތުން މުއިއްޒު ވިދާޅުވިކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރުގެ ސުރުޚީގައި ވަނީ ''ކާގޯ ބޯޓުން ގެނައީ ސިމެންތިއާއި ހަލާކުވެފައިވާ ކާރުތަކެއް'' އެވެ. ''އިންޑިއާ ބޯޓުން ހަތިޔާރު ނުގެންނަކަން ޔަޤީން ކޮށްދީ'' އަދުރޭ ވިދާޅުވިކަމަށް ޚަބަރު ގެނެސްދީފައިވާ އޮންލައިން ނޫހުގެ ސުރުޚީގައި ވެއެވެ.

މި ދެ ސުރުޚީ ހިމެނޭ ޚަބަރުތަކުގެ ސްކްރީން ޝޮޓް ޓުވީޓާގައި ހިއްސާކުރަށްވައި މޫކޭ ވިދާޅުވީ އެއީ އެއްތާކު ތިބެގެން އެއްޕާޓީއެއްގެ ދެ މީހުން އެއް މައުލޫއެއްގައި ދެއްކި ވާހަކަ ކަމަށެވެ. އެކަމުން ހެޔޮވަރު ވަރަކަށް އަސަރުކޮށްފިކަން ދަލީލު ކޮށްދޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

''އުތުރު ނުހުއްޓުވޭނެ، ދިވެހިންނާއިއެކު މިއޮޑި ދަތުރު ކުރާނީ ރަނގަޅު މިސްރާބަށް، ރަނުން ރަނަށް. އެނގިއްޖެ''

މޫކޭ ވިދާޅުވެފައި ވެއެވެ.

މޫކޭ އަދުރޭއަށާއި، މުއިއްޒަށް މި މޭރުމުން ރަށްދު ދެއްވިއިރު ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފައެވެ.

މި ފެރީ މާލެއަށް ވެސް ދަތުރުކުރަން ހަމަޖެހިފައިވާއިރު، މިފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައިކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ހިމެނޭ ކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ބުނެފައެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފެށި ޚިދުމަތެކެވެ.

މި ކާގޯ ފެރީއަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ. މި ފެރީގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.