ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ސިއްހީ ސާމާނު ޙަވާލުކޮށްފިއެވެ.

މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

Ad
rt

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު ވަގުތީގޮތުން ހިންގެވުމާއި ޙަވާލްވެހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކާއި، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނޭ ކަމަށެވެ.

މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް ޑަބްލިއުއެޗްއޯއިން ދަނީ ޓެސްޓްކިޓްތަކާއި އިތުރު އެހީތައް ދޭތެރެ ދޭތެރެއިން ފޯރުކޮށްދެމުންނެވެ.