އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާ ކަމަށާއި ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮޗިން ކާގޯ ފެރީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެނައުމަށް މަގުފަހިކޮށްދިނުމަކީ ހަޤީޤީ ދިރުން ކަމަށެވެ. މިއީ އަޅުގަނޑުމެން އެކަމަކާއި މެދު ފަޚުރުވެރިވާން ޖެހޭނެކަމެއްކަމަށާއި މީގެ ނަތީޖާ ރާއްޖޭގެ ރައްޔިތުނަށް ކުރިއަށްއޮތް އަހަރުތަކުގައި އެތައް ގޮތަކުން ފެނިގެންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާ، މިއީ މާލެއަށް ބަރޯސާވެ ތަރައްޤީގެ ކަންތައްތައް ކުރަމުން އައި އައުން ނިމުމަކަށް އައުމުގެ ފެށުން، އަދި ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ފެތުރިގެންދާނެ ގޮތް ފަހިކޮށްދެވިގެން ދިއުން
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ގެންގުޅުއްވަނީ ވަރަށް ބޮޑެތި އުފާވެރި މަންޒަރުތަކެއް ކަމަށާއި، އުތުރުގައި ތަރައްޤީ ކުރަމުންދާ ހަނިމާދޫ އެއަރޕޯޓާއި ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ، ހަމައެކަނި ގާނޫނަކުން ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަން ތަންފީޒުވެގެންދާތަން މިއަދު ސަރުކާރުން ކުރައްވާ ކަންތައްތަކުންވެސް ހާމަވަމުންދާ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، އިންޑިއާއާއި ކުޅުއްދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ، މިސަރުކާރުން ވައުދުތައް ފުއްދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އެގޮތުން ފެރީ ހިދުމަތަކީ އުތުރުގެ ތަރައްގީގެ ފެށުމުގެ ގޮތުގައި އެނާ ސިފަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ، އެ ހިދުމަތާއެކު ބޮޑު ތިލަދުންމަތި "ބޮޑުކޮށް" ތަރައްގީވެގެން އަންނާނެ ކަމަށެވެ. އެގޮތުން އިގްތިސާދު ފުޅާވެ، އެ ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުން ވަނީ މުޅި އުތުރު، މުޅި ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލުން. އެކަން އަޅުގަނޑުމެން މަގުފަހިކޮށްދޭނަން،"
ޝާހިދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ހަގީގީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީގެ ކުރާނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ދެއްވިއެވެ. އަދި އެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅު ފެށޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ކޮޗިން އާއި ރާއްޖެއާ ދެމެދު ކުރާ ފެރީ ދަތުރު ރާއްޖެ އައިސް ފުރަތަމަ ބަނދަރުކޮށްފައި މިއަދު ހެނދުނު ކުޅުދުއްފުށީގައެވެ. އެ ބޯޓުން 500 ޓަނުގެ މުދާ ގެނެސްފައިވާ އިރު އެނބުރި އިންޑިއާ އަށް ދިއުމުގެ ކުރިން މާލޭގައި ވެސް ބަނދަރުކުރާނެއެވެ. މި ދަތުރުތައް ކުރާނީ އިންޑިއާގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާ ޝިޕިން ކޯޕަރޭޝަން އިންނެވެ. ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!