ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެވާހަކަ ފުރަތަމަ ދެކެވުމާއި އެކު ބައެއް ފަރާތްތަކަށް އެއީ ވަރަށް އާ ވާހަކައަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް ތިލަދުންމަތީގެ މީހުންނަށް އެއީ އެހާ އާކަމެއް ނޫނެވެ. މާޒީގައި ތިލަދުންމަތީގެ ވިޔަފާރިވެރިންގެ ބައްތެލިތައް ބަނދެގެން އިންޑިއާއަށް ދަތުރުކޮށްފައިވާކަން ތާރީހު ހެކި ދެއެވެ.

Ad
rt

ތާރީހުގެ ލިޔުންތަކުން އެނގޭ ގޮތުގައި ތިލަދުންމަތީގެ ރަށްތަކުން ސީދާ އިންޑިއާއަށް ވިޔަފާރި ދަތުރު ކުރުން މަނާކުރިނަމަވެސް ވަގަށް ވެސް އެކަން އޭރު ބައެއް ފަރާތްތަކުން ކުރިއެވެ. އޭރު ނިންމީ ވިޔަފާރި ދަތުރުތައް ކުރަންވާނީ މާލެއިން އިންޑިއާއަށްކަމަށެވެ. ތިލަދުންމަތީގެ ރަށްތަކުން ވިޔަފާރު ދަތުރުތަކުގައި އިންޑިއާއަށް ދިއުމަކީ މައްސަލައަކަށްވިއެވެ.

މިވާހަކަ އިތުރަށް "ތިލަދުން"އަށް ތަފްސީލްކޮށްދެއްވީ މިހާރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފުއެވެ.

"ތާރީހަށް ބަލަމާ، އަމިއްލައަށް ކޮޅުބާއި ސޫތުކުޅި އަށް ދަތުރުކުރިބައެއް ތިލަދުންމަތީ މީހުންނަކީ. ކުޅުދުއްފުށީ އެކަނިވެސް 7 ބައްތެލި އޮތް. އޭރު ސީދާ ރަށަށް މުދާގެނައި އިންޑިއާއިން. އެހެންކަމުން މިއީ ތާރީހު އިއާދަވުމެއް. ކުރިން އަޅުގަނޑުމެންގެ ކާބަފައިން ކުރި މައްސަކަތް އަލުން މިފެށެނީ. އެހެންވީމާ އެބަޖެހޭ މިފުރުސަތު ބޭނުން ފުރިހަމަ ގޮތުގައި ހިފަން. ވީހާވެސް ގިނަ ބަޔަކު މީގެ ނަފާ ލިބިގަންނަން."

މެމްބަރު ޔާސިރު ވިދާޅުވިއެވެ.

މިއީ ތިލަދުންމަތީގެ ވިޔަފާރިވެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އިންޑިއާގެ އުފެއްދުންތައް ރާއްޖެ ގެނެސް އަދި ރާއްޖޭގެ އުފެއްދުންތައް އިންޑިއާއަށް ގެންގޮސްގެން ވިއްކައިގެން މަންފާ ހޯދަން މިއީ އެޅިގެންދާނެ ފާލަމެއްކަން ޔަގީނެވެ. އެހެނަސް މެމްބަރު ޔާސިރު ވިދާޅުވިހެން މިފުރުސަތުގެ ބޭނުން ތިލަދުންމަތީގެ ވިޔަފާރިވެރިން ހިފައިފިނަމަ މާޒީގައި ކާބަފައިން ހިނގި މަގުން ހިނގައި އޭގެ މަންފާ އޭގެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށެވެ.

އިޤްތިސާދީގޮތުން ތިލަދުންމައްޗަށް އަންނަން މިއުޅެނީ ކޮން ބަދަލެއް؟

ވިޔަފާރީގެ މައި މަރުކަޒަކީ މާލެ ކަމުގައި 1800 ގެ އަހަރުތަކުން ފެށިގެން ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭނެ ބޮޑު ބަދަލަކަށް ތައްޔާރުވަމުންދާއިރު ސުވާލުތަކެއް ހުންނާނެއެވެ. އިޤްތިސާދީ ގޮތުން މި ބަދަލުގެ ސަބަބުން ތިލަދުންމައްޗަށް ތިޔާގިކަން ގެނެސްދޭނެ ބަދަލަކަށް މިބަދަލު ވެގެންދާނެއެވެ. ވިޔަފާރީގެ މަރުކަޒީ ކަސްތޮޅުން ތިލަދުންމަތި ވީއްލޭނެ މިބަދަލުގެ ސަބަބުން އިޤްތިސާދީ ހަރަކާތްތައް ފެށިގެންދާނެއެވެ. އެކަން ރާއްޖެއަށް އިންޑިއާއިން އެތެރެކުރާ ސާމާނުތަކުގެ ހިސާބުތަކަށް ބަލާލުމުން ފުދޭނެއެވެ.

މިދިޔަ އަހަރުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ އަގު އުޅެނީ 4.47 ބިލިޔަން ދިވެހި ރުފިޔާގައެވެ. މިހުރިހާ މުދަލެއް ގެނެސްފައިވަނީ އިންޑިއާއިން ތިލަދުންމަތި ފަހަނަ އަޅާ ސީދާ މާލެއަށެވެ.

"މާލެއަށް ބަނދަރުކޮށް މާލޭގެ ގުދަންތަކުގައި ގުދަން ކުރެވި އާންމުންނާއި ހިސާބަށް އެތަކެތި ފޯރާއިރު ޚަރަދު އިންތިހާއަށް ގޮސް ތަކެތީގެ އަގު ބޮޑުވެގެންދާނެ، މިދެންނެވި މުދާ މާލެއަށް ބަނދަރުކުރެވި އަނެއްކާ ތިލަދުންމަތީގެ ރަށްތަކަށް އެތަކެތި ފޯރާއިރު އޭގެ އަގު މައްޗަށް ދާނެ. އޭގައި ވިޔަފާރިވެރިނަށް ކުރެވޭނެ ކަމެއް ނޯވޭ. އޭގެ ބަދަލުގައި އިންޑިއާއިން މާލެ ބަނދަރުކުރުމުގެ ކުރިން ކުރިމަތިވާ ބަނދަރުކަމުގައިވާ ކުޅުދުއްފުށީ ބަނދަރަށް މުދާ ބޭލުމުން ވަގުތާއި ފައިސާ ސަލާމަތްވެ ތަކެތީގެ އަގު ތިރިވެގެންދާނެ ޔަގީނުންވެސް."

ތިލަދުންމަތީ ވިޔަފާރިއަކު "ތިލަދުން" އަށް ވިދާޅުވީ މިއީ ރަނގަޅު ބަދަލަކަށް ވެގެންދާނެ ކަމަށެވެ.

މިއީ އެވިޔަފާރިވެރިޔާއަށް ފެންނަ މަންޒަރެވެ. މިއީ އިންސާފަށް ލޯބި ކުރާނަމަ މާލޭގެ ވިޔަފާރިވެރިންވެސް ޤަބޫލު ކުރާނެ ހަގީގަތެކެވެ.

ތާރީހީ އިންޑިއާ - ކުޅުދުއްފުށި ކާގޯ ފެރީ ދަތުރު!

ޓުޓިކޮރިން އާއި ކޮޗިން އިން މުދާ ހިފައިގެން ކުޅުދުއްފުއްޓަށް އައިސްފައިވާއިރު މިއީ ތާރީހީ ދަތުރެކެވެ. 700 ކިލޯމީޓަރުގެ މި ދިގު ދަތުރު ކާގޯގެ ގޮތުގައި ފެށިނަމަވެސް ކުރިއަށް އޮތްތަނުގައި ފަސިންޖަރުން ވެސް އުފުލާގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮޗިންއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.

ކުޅުދުއްފުށީ ޕޯޓާއި ކާގޯ ފެރީ ގުޅިގެން މިހާރުދަނީ މުދާ ބޭލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ.

މިފަދަ އިޤްތިސާދީ ހަރަކާތެއް ފެށިގފައިވާއިރު މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. އެމައްސަލަތަކާއި ކުރިމަތިލާ އެދެވޭ ހައްލެއް ގެނެވިއްޖެނަމަ މާލޭ ވިޔަފާރި ބަނދަރަށް ބަރޯސާވާންޖެހޭ ވުން ކުޑަކުރެވިގެންދާނެއެވެ. މި ބަދަލާއި އެކު މީހުން ބިނާ ކުރެވި އިންޑިއާގެ މާރކެޓަށް ދިވެހި މަސް ތަޢާރަފް ކުރެވި ސީދާ ތިލަދުންމަތިން އެމަސް ވިއްކާލެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބިގެންދާނެ ބަދަލެކެވެ. އިޤްތިސާދީ ދިރުންތަކާއި އެކު ތަފާތު "ހެލުން"ތައް އަންނާނެއެވެ. އެކަންކަމާއި ކުރިމަތިލައިގެން ކާމިޔާބު ކުރުމުގެ ހިތްވަރު އަޅުގަނޑުމެންގެ ހުންނަން އެބަޖެހެއެވެ.

މާލޭގެ ވިޔަފާރިއަށް އަންނާނެ ބަދަލެއްގެ ބިރަށް ތިލަދުންމަތީގެ ވިޔަފާރިތަކަށް އޮތް ހައްޤު ނިގުޅައިގެން ނުވާނެއެވެ. ލާމަރުކަޒީގެ ހައްގުގައި ކުރަމުން އައި ދައުވާ ސާބިތު ކުރަން މިއީ ލިބިގެންދާނެ ފުރުސަތެކެވެ. ވިޔަފާރީގެ މަރުކަޒީކަން ނައްތާލާ ތިލަދުންމަތީގެ ރަށްތަކަށް ލާމަރުކަޒީގެ ފައިދާގެ ރަހަ ދައްކަން މިއީ ލިބޭނެ އެންމެ ފަހި ފުރުސަތެވެ. މިއީ ތިލަދުންމަތި ދެކެމުން އައި ތަރައްގީގެ ހުވަފެން ހަގީގަތަކަށް ހަދަން އެޅޭނެ ފުރަތަމަ ފިޔަވަޅުކަން ޔަގީނެވެ.