ސްޓެލްކޯއިން ވ. ތިނަދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

stelco v thinadhoo

ސްޓެލްކޯ އިން ވ. ތިނަދޫގައި އަޅާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

މިބިމުގައި އިންޖީނުގޭގެ މަސައްކަތް ފެށުމަށްޓަކައި ސްޓެލްކޯގެ އިސްވެރިން ތިނަދޫއަށް ވަޑައިގަތުމުން އެރަށުންވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ތިނަދޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ތިނަދޫއަކީ 2010 ވަނަ އަހަރު، ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރާ ހިންގަން ހަވާލުވާން ފެށުމާއެކު ސްޓެލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށާއި، ސްޓެލްކޯއިން އެރަށާއި ހަވާލުވިއިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެހެން ނަމަވެސް އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް އެރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާނެ ކަމަށާއި، މިއަދު މި ގިރާ ކުރަނީ އާ ހަރުފަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މުޣުނީ އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ޚިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި، ތިނަދޫގެ އާބާދީއާއި، ރަށުގެ އިޤްތިޞާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.

"ރަށްރަށުގައި ދެމުންގެންދާ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި، ރައްޔިތުންނަށް އިންޖީނުގެ ހެދުމާއި، އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން."

މުޢުނީ ވިދާޅުވިއެވެ.

މުޢުނީ އިތުރަށް ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅުވެގެންދާނެ ކަމަށެވެ.

ތިނަދޫގެ އިތުރުންވެސް ސްޓެލްކޯއިން ޚިދުމަތްދެމުންގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދަވާ ކަމަށްވެސް މުޣްނީ ވިދާޅުވިއެވެ. ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.

ތިނަދޫގައި މިހާރު ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނާތީ އެދަތިތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުންވަނީ އެއިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ސްޓެލްކޯއަށް ތިނަދޫން ބިމެއް ހަމަޖައްސަވާދެއްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި