އިންޑިއާ، އެކުވެރި އަރަބި އިމާރާތް އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވީ މި ކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ad
rt

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ ހެންވޭރު ނިޔާސާ ޑޮކްޓަރު ހުސައިން ނިޔާޒެވެ. އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ ހެންވޭރު މިސްޓީލޮޖް އަލްފާޟިލާ އާމިނަތު ޝަބީނާއެވެ. އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވީ ގަލޮޅު ޗޭނުގެ އަލްފާޟިލާ ފަރުޒާނާ ޒާހިރެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ޑޮކްޓަރ ޙުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެ ކަމަނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އާމިނަތު ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

މީގެއިތުރުން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެ ކަމަނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.