ކޮވިޑުގެ ތަޖުރިބާ، 2 މީހެއްގެ ދުލުން

AF1A1866

މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެ އަށް ބިންދާލި ކޮވިޑް-19 ގެ ރާޅުގެ ބާނީގައި ޖެހި އިބްރާހިމް ރަޝީދު ވެސް އޮޔާ ގެންދިޔަ އެވެ. ހިކިފަސްތަނަކަށް އަތުވީ އުފަން ރަށެވެ.

އޮފީހުން މުސާރަ ކުޑަކުރުމުން، މާލޭގައި ކުއްޔަށް ހިފާފައިވާ ތަން ދޫކޮށް ރަށަށް ބަދަލުވާން މަޖުބޫރުވީ އެވެ. އެއީ އަބަދުވެސް ކުރަން ބޭނުންވެ އެކަމަކު ކުރަން ވުމުން ފަހަތު ފަޔަށް ބުރަވާ ކަމެކެވެ. މި ފަހަރު މަޖުބޫރީ ހާލަތެއްގައި ނަމަވެސް، އުފަން ރަށަށް ދާން ޖެހުމުން ރަޝީދު ހުރީ ފާޑަކަށް ހިތްހަމަޖެހިފަ އެވެ.

މާލޭގައި އުޅެމުން ދިޔަ ތަން ދޫކޮށްލަންވެގެން ފަރުނީޗަރުތައް ރޫޅާލުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ ބަޔަކާ އެކު އޭނާ އުޅުނީ ނިކަން ފޯރީގަ އެވެ. އެއްޗެހި އުފުލުމުގެ މަސައްކަތުގައި އުޅުނުއިރު މާސްކަށް ޖާގަ ލިބުނީ ދަތްދޮޅިންނެވެ. އަރާފައި ހުރި ފޯރީގައި ކޮވިޑުގެ މަތިން މާ ބޮޑަށް ހަނދާނެއް ނުވެ އެވެ.

ކޮވިޑް އޭނާގެ ސިކުނޑި އަށް ވަނީ ރަށަށް ބަދަލުވެ ފުރަތަމަ ރޭ ވެސް ގަދަޔަށް ގައިގައި އަދި ބޮލުގައި ރިއްސަން ފެށުމުންނެވެ. އެކަމަކު ވެސް، ފުރަތަމަ އޭނާ ނިންމީ އެއީ ބުރަކޮށް އުޅުމުން ގައިގައި އެޅި ވޭނެއް ކަމަށެވެ. މިއޮތީ ކޮވިޑް ލައިގަންފައޭ އޭނާގެ ހިތަށްއަރަން ފެށީ، ތަންދޮރު ވަކިނުވާ ވަރަށް ހުން އައިސް، ނޭވާ ހާސްވެގެން ހޭލެވި، ކަރުތެރެ ދަވައިން ފުރުމުންނެވެ.

ހޯމް ކަރަންޓީނުގައި ހުރުމުން ރަށު ސިއްހީ މަރުކަޒުން ހާލު ބަލާލަން ފޯނުކުރުމުން އޭނާ ވާނުވާ ކިޔައިދިނެވެ. އެކަމަކު، ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާ މެދު އަމަލުކުރާ އާއްމު އުސޫލުގެ ދަށުން، ޓެސްޓްކުރެވޭނީ 14 ދުވަސް ފަހުންނެވެ. އެހެންވެ، އަލާމާތްތަކަށް އަމިއްލަ އަށް ފަރުވާކުރަން ފެށި އެވެ. ދެއިރު ދެ ދަޅަ އަށް އިނގުރު ކައި ނިދުމުގެ ކުރިން ކޯރާޑިތެޔޮ ވަށައި އަދި އާވި އަރުވައި ހެދި އެވެ. ހަމަ އެ ހުރިހާ ކަމަކާ އެއްކޮށް، ސިއްހީ މަރުކަޒުން ދިން ބޭސްތަކެއް ވެސް ނަގަން ފެށި އެވެ.

"އެހެން ހަދައިގެން ނޭވާލެވެން ފެށީމާ ނިދާލަނީ. އެކަމަކު ހޭލާއިރު ގައިގައި ރިއްސައި ބޮލުގައި ރިއްސާފައި ހުންނަނީ. އަނެއް ދުވަހު ކޮފީއަކުން ހިތި ރަހައެއް ނުދޭ، މިރުހުން ކުޅިރަހައެއް ނުދޭ ,ބޮޑީސްޕްރޭ އިން މީރު ވަހެއް ނުދުވާ،"

ރަޝީދުގެ ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުންޏެވެ.

އެހިސާބުން އޭނާ އަށް ކަށަވަރުވީ ކޮވިޑް ޖެހިފައިވާ ކަމެވެ. އެކަމަކު ޓެސްޓް ހެދޭކަށް ނެތެވެ. އެހެންވިޔަސް އޭނާ ވަކިން ކޮޓަރިއަކަށް ބަދަލުވި އެވެ. އަންހެނުންނާއި ދެ ކުދިންނާ ވަކިން އުޅެން ފެށި އެވެ. އެއީ ރަޝީދަށް ކުރިމަތިވި ވަރަށް ބޮޑު އެކަނިވެރިކަމެކެވެ. ރަށު ކަރަންޓީނުގައި، އާބާދީއާ ވަކިން އުޅޭއިރު އަދި އޭގެ ތެރެއިން ވެސް ގޭގައި ވަކިން ބަންދުވާން ޖެހުމުން ނަފްސާނީ އުނދަގޫތަކަކާ ވެސް ދިމާވާން ފެށި އެވެ.

"އެ އުނދަގުލުން ސަލާމަތްވާން ހެދި ގޮތަކީ ވީހާ ވެސް ބޮޑަށް އޮފީސް މަސައްކަތުގައި މަޝްއޫލުވާން ފެށީ. އެ ހިސާބުން ކޮންމެވެސް ވަރަކަށް އެ ވިސްނުންތައް ސިކުނޑިން ގޮސް، އެ ކަންކަމާ މާ ބޮޑަށް ފިކުރު ހިންގަން ވަގުތެއް ނުލިބޭ،"

ރަޝީދު ބުންޏެވެ.

އެގޮތުގައި ގޮސް 14 ދުވަސް ފަހުން ޓެސްޓް ހަދައި އޭގެ ފަސް ވަރަކަށް ދުވަސް ފަހުން ނަތީޖާ ލިބުނުއިރު އޭނާ އާއި އަންހެނުން ވެސް ޕޮޒިޓިވްވި އެވެ. އެކަމަކު، އެ ދެމަފިރިންގެ ދެ ކުދިން ނެގެޓިވް އެވެ. އޭރު ރަޝީދާއި އަންހެނުންގެ ކިބައިގައި ކޮވިޑުގެ ބޮޑެތި އަލާމާތްތަކެއް ނެތެވެ. އެހެންވިޔަސް އޮތް ކަންބޮޑުވުމަކީ ރަޝީދާއި އޭނާގެ އަންހެނުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ދެ ކުދިންވެ، އެ ދެ ކުދިންގެ ޓެސްޓް އިތުރު 14 ދުވަސް ފަހުން ހަދަން ޖެހުމެވެ. އެހާތަނުން ދެ ކުދިން ޕޮޒިޓިވްވެއްޖެ ނަމަ، ރަށު ކަރަންޓީނުގައި ތިބި 14 ދުވަހާއި ކޮވިޑް ކަރަންޓީނުގައި ތިބި 19 ދުވަހާ އެކު އިތުރު 14 ދުވަސް ގޭ ބަންދުވާނެ އެވެ.

'އެއީ ކަންބޮޑުވުމެއް. އެކަމަކު، ދެ ކުދިން ޕޮޒިޓިވް ނުވާނެ ގޮތަކަށް ގެންގުޅެވެން ވެސް ނެތް. އެއީ ކުޑަ ދެ ކުދިންނަށް ވާތީ ކާންދީ ފެންވަރުވާއިރު މަންމައާ ވެސް ވަރަށް ބޮޑަށް ކޮންޓެކްޓްވާނެތީ،"

ރަޝީދު ބުންޏެވެ.

ނަސީބު ދިމާކުރި ގޮތުން، 14 ދުވަސް ފަހުން ޓެސްޓްކުރިއިރު ދެ ކުދިންގެ ނަތީޖާ އައީ ނެގެޓިވްކޮށެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއިން ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު، އަދިވެސް ރަޝީދަށް ކޮވިޑުގެ އެއް އުނދަގޫ ފިލައިގެންނުދެ އެވެ. އެއީ އަދިވެސް ވަސްދުވުމުގެ ހިއްސުގައި މައްސަލަ އުޅުމެވެ.

"އެކަމުގެ ސަބަބުން އަދިވެސް ނަފްސާނީ ގޮތުން ވަރަށް އުނދަގޫތައް އެބަދިމާވޭ. ގައިގައި ނުބައިވަހެއް ދުވިޔަސް ނޭނގޭ. މީހުންގެ ތެރެއަށް ދާން ބޭނުމެއް ނުވޭ މިހާރު އެކަމާ ހެދި،"

އޭނާ ބުންޏެވެ.

"އެކަމަށް ވަކިން ފަރުވާ ހޯދަން ޖެހޭ ކަމަށް ދިރާސާތައް ބުނޭ. ކޮވިޑުން އަޅުގަނޑު އެއްކޮށް ސަލާމަތްވި ކަމަށް ބަލާނީ އެ މައްސަލަ ހައްލުވުމުން."

އޭނާ އަށް ކޮވިޑް ލައްވާލަފާނެކަން ފާތިމަތު ޝަޔާން އަށް ލަފާކުރެވެނީ ގާތް އެކުވެރިޔަކު ޕޮޒިޓިވް ވުމުންނެވެ. އެކުވެރިޔާގެ ނަތީޖާ ލިބުމުގެ އެއް ދުވަސް ކުރިން އެކުވެރިޔާއާ އެކުގައި އުޅެފައިވާތީ، އޭނާ ވެސް ކޮވިޑަށް ޕޮޒިޓިވްވާނެކަން ޝަޔާން އަށް ޔަގީނާ ގާތަށް އެނގެ އެވެ.

އެހެންވެ، އިތުރަށް މާ ގިނަ ވަގުތު މަޑުނުކޮށް ޝަޔާން ގޭގައި، އަމިއްލަ ކޮޓަރީގައި އެކަހެރިވި އެވެ. އޭނާގެ ކޮޓަރިން ނުނުކުމެ އުޅެން ފެށި އެވެ. ކާއެއްޗެހި ވެސް މަންމަ ގެނެސްދެނީ ސީދާ ކޮޓަރީގެ ދޮރުމައްޗަށެވެ. އެ ތަކެތި ބަލާ ޝަޔާން ދޮރުމައްޗަށް ދަނީ މަންމަ އެ ސަރަހައްދުން ދިއުމުންނެވެ. ޝަޔާން އޭނާގެ ނަފްސާ މެދު ބަލަމުން އައީ ކޮވިޑް ޕޭޝަންޓެއްގެ ގޮތުގަ އެވެ.

އެގޮތުގައި ދެ ދުވަސް ފާއިތުވީ ފަހުން ޝަޔާން ހުން އަންނަން ފެށި އެވެ. ކެއްސަން ފަށައި ނުނިދޭ ވަރަށް އެކަމުގެ އުނދަގޫ ވާން ފެށި އެވެ. ޖެހިގެން އައި ދުވަހު ކާ އެއްޗެހީގައި ރަހަނުލާން ފެށި އެވެ. ވަސް ނުދުވަން ފެށި އެވެ. ބޭރަށް ހިންގަން ވެސް ފެށި އެވެ.

ޝަޔާން އަށް އެހިސާބުން ވިސްނުނީ އޭނާ ވެސް ޕޮޒިޓިވްވީ ކަމަށެވެ. އެކަމަކު، އެޗްޕީއޭގެ "ހާލު ބެލުން ޕޯޓަލް" މެދުވެރިކޮށް އޭނާގެ ހާލު ބެލި ޑޮކްޓަރުގެ ލަފާގެ މަތިން ޓެސްޓް ކުރީ ކަރަންޓީނުވިތާ ހަތް ދުވަސް ފަހުންނެވެ. ނަތީޖާ ލިބުނުއިރު، އޭނާގެ ރަހުމަތްތެރިޔާ ފަދައިން ޝަޔާން ވެސްކޮވިޑަށް ޕޮޒިޓިވް އެވެ. އެކަމަކު، ކުރިން ވެސް އޭނާ އަމިއްލަ އަށް ސިކުނޑި ތައްޔާރުކޮށްގެން ހުރި ހާލަތަށް ވާތީ، އެއީ ކުއްލި ސިހުމަކަށް ވެގެން ނުދިޔަ އެވެ. އަމިއްލަ ނަފްސާ މެދު ކަންބޮޑެއް ނުވެ އެވެ.

ޝަޔާން ހަމައެކަނި ކަންބޮޑުވީ، އުމުރުން ދުވަސްވީ މަންމަ އާއި ބައްޕަ ހިމެނޭ ގޮތަށް، ގޭގައި ހައި ރިސްކު ބަޔަކު ތިބުމުންނެވެ. އެޗްޕީއޭގެ ލަފާގެ މަތިން ގޭ މީހުން ޓެސްޓްކުރިއިރު ޕޮޒިޓިވްވީ ބައްޕަ އެކަންޏެވެ. އެކަމަކު، ގޭގައި އިތުރު ކޮޓަރިއެއް ނެތުމުން ބައްޕަ އަށް އެކަހެރިނުވެވި ނިދައި ކައިބޮއި ހަދަން ޖެހުނީ މަންމައާ އެކު އެވެ.

ބައްޕަ އާއި ޝަޔާން ކަރަންޓީނު ފެސިލިޓީ އަކަށް ގެންދިޔައީ ނަތީޖާ ލިބުނުތާ ހަތަރު ދުވަސް ފަހުންނެވެ. އޭރު ޝަޔާންގެ އެއްވެސް އަލާމާތެއް ނެތެވެ. އަދި ފެސިލިޓީގައި އޭނާ އަށް ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އެންމެ ބޮޑު ފަސޭހައަކަށްވީ ގޭގައި ބަލައިގެން އުޅެން ޖެހި އެކަމުންވާ އުނދަގޫތަކުން ސަލާމަތްވުމެވެ.

'ގޭގައި އުޅޭއިރު މަންމަ ކާއެއްޗެހި ދޮރުމަތީގައި ބަހައްޓާނީ. ދެން ޝަޔާން ކައި ނިމިގެން ތަށިތައް ދޮވެ ޑިސްއިންފެކްޓްކުރުމަށް ފަހު މަންމަ އަތަށް ދޭނީ. އޭރު މަންމަ ހުންނާނީ އަތަށް އަންގި ލައްވައިގެން އައިސް. އަދި އެ ނަގައިގެން މަންމަ އަނެއްކާ ދޮވެ ޑިސްއިންފެކްޓްކުރާނެ. އެކަމަކު، ގޭތެރޭގައި އެކަހަލަ ގޮތަކަށް އުޅެންޖުމުން އެ ދިމާވާ އުނދަގޫތައް، ފެސިލިޓީއެއްގައި ހުންނައިރުނުވާނެތާ؟"

އޭނާ ބުންޏެވެ.

ފެސިލީޓީތަކުގައި ގިނަ ބަޔަކު ކުރަން ޖެހެނީ އެކަނިވެރިކަމުގެ ތަޖުރިބާއެކެވެ. އެކަމަކު ޝަޔާން ބުނީ އޭނާ އަކީ ގޭގައި ވެސް ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރާ މީހަކަށް ވާތީވެ އެކަން މާ ބޮޑު އުނދަގުލަކަށް ނުވި ކަމަށެވެ. އޭގެ އިތުރުން، އޭނާފެސިލިޓީ އަށް ދިޔައީ ވެސްމަދު ނުވާ ވަރަށް ފިލްމާއި ފޮތް ހިފައިގެންނެވެ.އެހެންވެ، ފޫހިވާނެ ވަގުތެއް ނުލިބެ އެވެ.

"ވޯޓާވިލާއެއްގައި ހުންނާތީ ކުރިމަތީގައި އޮތީ މޫދު. ވަށައި ބެލިޔަސް ހިތްހަމަޖެހޭނެއެއްނު ދޯ؟،" އޭނާ ބުންޏެވެ."ވަރަށް ރިލެކްސް މާހައުލެއްގައި ކަރަންޓީނުގެ ވަގުތުތައް ހޭދަކުރީ."

ކެއުމުގެ ތަޖުރިބާ ވެސް ރަނގަޅެވެ. ގެއިން އެއްޗެއް ނުގެންދާތީ އާއި އޭނާ އަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވޭތީ ޝަޔާން ހީކުރީ އޭނާ އަށް ކުރަން ޖެހޭނީ ހިތި ތަޖުރިބާއެއް ކަމަށެވެ. އެކަމަކު،އޭނާ އަށް ފެސިލީޓީ އިން އަންގާފައި އޮތީ ކެއުމުގެ ގަޑިއިރެއް ކުރިން ބޭނުންއެއްޗަކަށް އޯޑަރު ދިނުމަށެވެ.

"އެ މީހުން އަހާ ކޯޗެއްހޭ ބޭނުމީ. އެހާ ވެސް ރަނގަޅު،" އޭނާ ބުންޏެވެ.

"ކެއުން ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހުނު."

ޝަޔާން އާއި އޭނާގެ ބައްޕަ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ގެޔަށް ދިޔައިރު ގެއިން މަރުހަބާކީ އަދި މާ އުފާވެރި ޚަބަރަކުންނެވެ. އޭނާގެ މަންމަ ނެގެޓިވްވި ޚަބަރެވެ. ހަކުރުބަލީގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ މަންމަ ފަދަ ހައި ރިސްކް މީހަކު، ކޮވިޑް ފަދަ ހައި ރިސްކް ފަރާތްތަކަށް ނުރައްކާ ބޮޑު ބައްޔަކުން ސަލާމަތްވީތީ އޭނާ ވަރަށް ހިތްހަމަޖެހުނެވެ.

މިހާރު ޝަޔާން އަށް އޮންނާނެ އަނެއް ހިތްހަމަޖެހުމަކީ މަދުވެގެން ހަތަރު މަހެއްހާ ދުވަހު ބަލި ނުޖެހޭނެކަމުގެ ޔަގީންކަމެވެ. އެކަމަކު ޝަޔާން ބުނި ގޮތުގައި އެއްވެސް އިރަކު އޭނާ އަކީ ބަލި ޖެހިދާނެތީ ކަންބޮޑުވި މީހެއް ނޫނެވެ. އޭނާގެ ބިރަކީ އޭނާގެ ފުށުން އެހެން މީހަކަށް ވައިރަސް އެރުމެވެ. ރަހުމަތްތެރިޔާ ޕޮޒިޓިވް ވުމާއެކު، އޭނާ އަމިއްލަ އަށް ގޭގައި އެކަހެރިވީ ވެސް އެ ފުރުސަތު ނުދިނުމަށެވެ.

"މިހާރު ވެސް ޝަޔާން ތަނެއްގައި އަތްހޭކިފައި ގެ އަށް ވަދެއްޖެއްޔާ ގެ އަށް އެ ވެއްދެނީ ވައިރަސް. އެހެންވެ އަދިވެސް ވައިރަސް އުފުލާ މީހަކަށް ވުމުގެ ފުރުސަތު އެބައޮތް. އެއީ އަސްލު އަބަދު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ،"

ޝަޔާން ބުންޏެވެ.

މާނައަކީ ކޮވިޑް އެއް ފަހަރު ޖެހުމަކީ މިކަމުން އެއްކޮށްމިންޖުވުން ނޫންކަމެވެ. މަދު މަސްދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި މި ބައްޔާ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައިވާ ރަޝީދަށް ވެސް، ޝަޔާނަށް ވެސް ކުރެވެނީ އެ އިހުސާސެވެ.އެހެންވެ، ބަލި ޖެހި ރަނގަޅުވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަން ޖެހެ އެވެ. އަދި ފިޔަވަޅުތައް އަޅަން އެހެން މީހުންނަށް ހިތްވަރުދޭން ޖެހެ އެވެ. ގައިދުކުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުމާއި މާސްކް އެޅުން ފަދަ ކަންކަން ފަރުވާތެރިކަމާ އެކު ކުރަން ޖެހެ އެވެ.

- މި ރިޕޯޓުގައި ބޭނުންކޮށްފައިވަނީ ޕޭޝަންޓުންގެ އަސްލު ނަންތަކެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު: މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *