ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ފުރަތަމަ ދެމަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 13،516 ފަތުރުވެރިންކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

Ad
rt

އިމިގްރޭޝަންގެ ތަފާސްހިސާބުން ދައްކާގޮތުން، އޯގަސްޓު 15 އިން ސެޕްޓެމްބަރު 15 އަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީމަހާ އަޅާ ބަލާއިރު 61 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކޯވިޑާއި ގުޅިގެން ހުއްޓުމަކަށްއައި ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު އަންނަ އޮކްޓޯބަރުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓު ހުޅުވޭނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ލަފާކޮށްފައިއެވެ.

އަލުން ބޯޑަރު ހުޅުވާލި ފަހުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް މިހާތަނަށް ހުއްދަ ދީފައެވެ. މީގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް ދެ މަސް ތެރޭ ހިދުމަތް ފަށަން ނިންމާފައިވާ ރިސޯޓުތައްވެސް ހިމެނެއެވެ.

މިހާތަނަށް 109 ޓޫރިސްޓު ވެސެލް / ސަފާރީ އަށް އޮޕަރޭޓު ކުުރުމުގެ ހުއްދަ ދީފައިވާއިރު ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް 32 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ.

މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 402089 (ހަތަރުލައްކަ ދެހާސް އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 65.1 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީ ވިލާތުންނެވެ. އެއީ ޖުމްލަ 45،169 ފަތުރުވެރިންނެވެ.