އިސްލާމްދީނަކީ ދިރިއުޅުމަށްވާ ފުރިހަމަ މަގެކެވެ. އިންސާނާގެ ޙަޔާތުގައި ދިމާވެދާނެ އެންމެހާ ކަމެއްގެ ކާމިޔާބު މުޖައްރިބު ޙައްލު އެދީނުގައި ބަޔާންވެގެންވެއެވެ. އެދީނުގެ އެއްވެސް އަސާސެއްގައި އުނިކަމެއްނުވެއެވެ.

އެހެންކަމުން މިމަތިވެރި ދީނަކީ ރޫޙާނީ އަދި ޖިސްމާނީ ބަލިމީހުންގެ ކަރުހިއްކުން ފުރިހަމަގޮތުގައި ފިލުވައިދޭނެ އެންމެ ސާފު ފެންއާރެވެ. އެހެނީ ކީރިތިޤުރުއާނާ މޫރިތިސުންނަތުގެ އަލިގަދަ ދަލީލުތަކަށް ބަރާބަރަށް ތަބާވާ މީހެއްގެ ޙަޔާތުގެ އެއްވެސް މަޤާމެއްގައި މާޔޫސްވެ ހިތްދަތިވެ ބޭޤަރާރުވާކަށްނުޖެހޭނެއެވެ.

Ad
rt

އިސްލާމްދީން އަމުރުކުރަނީ ﷲ ތަޢާލާ، އިންސާނާއަށް މިންވަރުކުރައްވާފައިވާ އެންމެހާ މަތިވެރި ނިއުމަތްތަކަށް ޝުކުރުވެރިވެ ޤަދަރުކުރުމަށެވެ. އެހެނީ ޝުކުރުވެރިވުމަކީ ނިޢުމަތްތައް އިތުރުކުރައްވާކަމެކެވެ. ވަކިން ޚާއްޞަގޮތެއްގައި ފުރިހަމަ ޞިއްޙަތާ ހުސްވަގުތުގެ ނިޢުމަތަކީ އެދެނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އިންސާނާ އެހެނިހެން އިންސާނުންނަށްވުރެ މާތްކޮށް ދަރަޖައުފުލައިދޭ މަތިވެރި ނިޢުމަތެކެވެ. އެފަދަ މީހުން ދުނިޔޭގައި ތަރައްޤީގެ އެންމެ އުސްކުރިބޯށްޓާ ހަމަޔަށް ވާޞިލުކޮށްދެއެވެ. އަދި އާޚިރަތުގެ ކާމިޔާބާއި ފަލާޙު ލިބިގެންދެއެވެ. ނަމަވެސް ޝަރުޠަކީ ޞިއްޙަތާ ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ފަރުޟުތަކާ ޥާޖިބުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމެވެ. އަދި މުންކަރާތާއި ނަހީތަކުން ދުރުވެ ރައްކާތެރިވުމެވެ.

އިންސާނާއަށް ފުރިހަމަ ޞިއްޙަތާ ހުސްވަގު މިންވަރުވެއްޖެނަމަ އޭނާއަށް އެދެވިގެންވަނީ އަޅުކަމާއިގެން މަޝްޣޫލުވެ ތިމާގެ ހިތާ ސިކުނޑި ނުބައި ޚިޔާލުތަކާ ވިސްނުންތަކުން ޠާހިރުކޮށް ﷲ ގެ ރުއްސެވުމާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރުމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ މުޅި ޙަޔާތް ފަނާވެ ހުސްވެގެންދަނީ ދުނިޔެ އެއްކޮށް ބަށްކުރުމުގެ ކަނު ރޭހުގައި ވާދަޖަހަޖަހައި ތިއްބައެވެ. ތިމާގެ އާރާއި ބާރު އިސްތިޢުމާލުކުރެވެނީ ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމަށެވެ. ހުސްވަގުތުތައް ނަގައިލެވެނީ ބޭކާރު ފައިދާއެއްނެތް ގެއްލުންހުރިކަންކަމަށެވެ. ފާޙިޝް ޢަމަލުތަކުން ތިމާމެންގެ ހިތުގެ ސާފު ލޯގަނޑުގައި ލައްތަކާ ދަބަރުޖެއްސުމުގައެވެ. ހާސްކަން ފިލުވައިލުމަށްޓަކައި ކުރެވޭ ގިނަކަންތަކުން ހާސްކަން އިތުރުވުން ނޫންކަމެއްނުވެއެވެ. އެހެނީ ފާފަތަކާ އުރެދުންތަކަކީ އިންސާނާއަށް ހަމަޖެހުމާ މަޑުމައިތިރިކަން ގެނެސްދޭނެކަންކަމެއްނޫނެވެ.

އިންސާނާގެ ހިތާ ރޫޙަށް ހަމަޖެހުމާ އުފާވެރިކަން ލިއްބައިދޭނެ މަގު ކީރިތިޤުރުއާނުގައިވަނީ ފުރިހަމަޔަށް ބަޔާންވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ﴿الرعد:٢٨﴾

މާނައީ: އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟

ހުސްވަގުތުގައި ތިމާގެ ސިކުޑިއަށް ވެރިވާ ފާޙިޝް ޚިޔާލުތަކާ ކުރެވޭ ނޭއްގާނީ ޢަމަލުތަކާއި އަދި އެންމެހާ މުންކަރާތްތަކަކުން ރައްކާތެރިވެ ސަލާމަތްވެ ހުރުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ނަމާދުތަކަށް ފުރިހަމަޔަށް ރައްކާތެރިވެ ﷲ ހަނދުމަކުރުން މަތީގައި ދެމިހުރުމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.

اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّـهِ أَكْبَرُ ۗ وَاللَّـهُ يَعْلَمُ مَا تَصْنَعُونَ ﴿العنكبوت:٤٥﴾

މާނައީ: ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްޙަދީޘްކުރެއްވިއެވެ.

((نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ : اَلصِّحَّةُ وَالْفَرَاغُ)) (صحيح بخاري : 6412)

މާނައީ: މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފަރުވާކުޑަކޮށް އަޅައިނުލާ ދޫކޮށްލާފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާ ހުސްވަގުތެވެ.

މި މަތިވެރި ނަބަވީ އިރުޝާދުން ހާމަވާގޮތުގައި ޞިއްހަތާ ހުސްވަގުތާމެދު މީސްތަކުންގެ ތެރެއިން ގިނަބަޔަކު ވަނީ ޣާފިލުވެގެންނެވެ. އެދެނިޢުމަތަކީ ކިހާ މަތިވެރި އަގުބޮޑު ނިޢުމަތެއްކަން އެބައިމީހުންވަނީ ހަނދާންނެތިފައެވެ. ގިނަ ބަޔަކަށް މިމަތިވެރި ނިއުމަތުގެ އަގުވަޒަންކުރެވެނީ މިނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ! ހަށިގަނޑުގެ އާރާއި ބާރު ނެތިގޮސް ބަލިއެނދުގައި އޮށޯންނަންޖެހުމުންނެވެ. އެހިސާބުން އަޅުކަންކުރަން ބޭނުންވާނެއެވެ. ނަމަވެސް އަޅުކަންކުރާނެ ބާރު އޭރުވާނީ ތިމާއާ އަލްވަދާޢުކިޔާފައެވެ. އެހެންކަމުން ހަޤީޤީ ވިސްނުންތެރިޔަކީ މިދެނިޢުމަތް ފިލައިދިޔުމުގެ ކުރީން އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާމީހާއެވެ. އާދެ ”ވެހޭތާ ފެންނަގާމީހާއެވެ.“

ލިޔުނީ: އާދަމް