ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާކީ ނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިގޮތަށް އެދި ވަޑައިގަތީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އައު މެންބަރުންނާއި އެކު އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައެވެ.

Ad
rt

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސީއެސްސީއަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ސިވިލް ސަރވިސް ގައި ހުރި ޙައްލުހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި، މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ސީއެސްސީގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ބާކީ ނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި، އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މަށްޗަށް ވެސް ނައިބު ރައީސް ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރެއްވީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުޙައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުޙައްމަދު ނާޞިހެވެ.

އެ ކޮމިޝަންގެ ރައީސަކީ މުހައްމަދު ނާސިހެވެ. އަދި ނައިބް ރައީސަކީ އިބްރާހިމް ރަޝީދެވެ. އެ ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކުރީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.