މާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ބޭއްވުމަށް ހަމަޖެއްސި ސައިކަލު ބުރުގައި ބައިވެރިވުމަށް އެއްވި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ޖޫރިމަނާ ކުރުމަށްފަހު އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

އިއްޔެ ފުލުހުން ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

Ad
rt

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހައްޔަރުކުރި އެންމެންވެސް އެޗްޕީއޭގެ ގައިޑް ލައިންތަކާ ހިލާފުވެފައިވާތީ ޖޫރިމަނާ ކުރި ކަމަށެވެ. ހައްޔަރު ކުރި މީހުން ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލާފައި ވާކަމަށާއި، އޭނާ ދޫކޮށްނުލައި ހުރީ އޭނާ ފުލުހުންނަށް އިންޒާރުދީފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ހައްޔަރު ކުރި މީހުން ޖޫރިމަނާކުރި ނަމަވެސް އެއްވެސް މީހެއްގެ ލައިސަންސް ނުހިފަހައްޓާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ޖޫރިމަނާކޮށްފައި ވަނީ ކޮންމެ މީހަކު 1000 ރުފިޔާއިންނެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުން ވަނީ އިއްޔެ ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމައި، އެއްވެފައެވެ.

އިއްޔެ މާލޭގައި ބޭއްވި ހަރަކާތަކީ އިދިކޮޅުން ރާވާ އިންތިޒާމުކުރި ހަރަކާތެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް މި ހަރާކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ބައިވެރިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އިއްޔެ އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ސައިކަލު ބުރެކެވެ. ނަމަވެސް ފުލުހުން އެ ސައިކަލު ބުރު ހުއްޓުވުމުން ވަނީ އެއްވުމަކަށް ބަދަލުކޮށްލާފަ އެވެ. އިއްޔެގެ އެއްވުމާ ގުޅިގެން އެއް ވެހިކަލް ޓޯވެސް ކުރިއެވެ. އަދި އަނެއް ބައި ވެހިކަލްތައް ނަގައި އެ ވެހިކަލްތައް އެހެން ހިސާބުތަކަށް ފުލުހުން ވަނީ ގެންގޮސްފަ އެވެ.