ރައްޔިތުންގެ މަޖްލިސްއިން އިއްޔެ ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، އިއްޔެއަކީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.
އެ ޖަމްޢިއްޔާއިން މިހެން ބުނެފައި ވަނީ އިއްޔެ އެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި އެވެ.
އެމްއެޗްޕީޔޫއިން ބުނީ ރައްޔިތުންގެ މަޖްލިސްއިން، ވަޒީފާ އާއި ބެހޭ ގާނޫނަށް، ގެނައި އިސްލާހުތަކާއި އެކު، ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެ ކަމަށެވެ.
" މިއީ، މަސައްކަތް ތެރިންނަށް ކަޅު ދުވަހެކެވެ. ހުރިހާ، މަސައްކަތްތެރިން، އެކުގައި މަސައްކަތް ކޮށް، އަހަރެމެންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލަމެވެ." އެމްއެޗްޕީޔޫއިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖްލިސްއިން، މިއަދު ވަޒީފާ އާއި ބެހޭ ގާނޫނަށް، ގެނައި އިސްލާހުތަކާއި އެކު، ޖޮބް ސެކިއުރިޓީ، ގެއްލިގެންދާނެއެވެ. މިއީ، މަސައްކަތް ތެރިންނަށް ކަޅު ދުވަހެކެވެ. ހުރިހާ، މަސައްކަތްތެރިން، އެކުގައި މަސައްކަތް ކޮށް، އަހަރެމެންގެ ހައްގުތައް ހިމާޔަތްކުރުމަ ށް ގޮވާލަމެވެ.
— Maldives Health Professionals Union (MHPU) (@MaldivesHPU) September 6, 2020
އެމްއެޗްޕީޔޫއިން މިހެން ބުނެފައިވާއިރު މަޖިލިސްއިން އިއްޔެ ވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިސްލާހް ތަކަކާއިއެކު ފާސްކޮށްފައެވެ.
މިގޮތުން ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ހިމަނައި، އިއްޔެ މަޖިލިސްއިން ފާސްކުރި އެއްކަމަކީ މެޑިކަލް ސެޓްފިކެޓް ހުށަނާޅައި އަހަރަކު 30 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި އޮތް އޮތުން 15 ދުވަހަށް ބަދަލުކުރުމެވެ. އެ އިސްލާޙް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.
މީގެ އިތުރުން އިއްޔެގެ ޖަލްސާގައި ވަނީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅި އިސްލާހު ފާސްކޮށްފައެވެ. އެ ފާސްކޮށްފައިވަނީ ވެސް 55 މެމްބަރުންގެ ވޯޓުންނެވެ.
އެ ޤާނޫނަށް ހުށަހެޅުނު ބައެއް މުހިންމު އިސްލާޙްތައް އިއްޔެ ވަނީ ފެއިލްވެސް ކޮށްލާފައެވެ. މިގޮތުން ރިސޯޓު ތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 އިންސައްތަ މީހުންނަކީ ދިވެހިން ކަމުގައި ލާޒިމުކުރުމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި އިސްލާޙް ވަނީ ފެއިލް ކޮށްލާފައެވެ. އެ އިސްލާޙް ފާސްކުރަން ފެންނަކަމަށް ވޯޓުދިނީ އެންމެ 4 މެންބަރުންނެވެ. 67 މެންބަރަކު ތަޅުމުގައި އެވަގުތު ތިއްބެވިއިރު، ނުފެންނަ ކަމަށް 57 މެންބަރަކު ވޯޓުދެއްވިއެވެ. މީގެ އިތުރުން ވެސް ވަޒީފާއާ ބެހޭ ގާނޫނަށް މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި އެއްވެސް އިސްލާޙެއް އިއްޔެގެ ތަޅުމުން ފާސްވެފައެއް ނުވެއެވެ.
އިއްޔެ ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!