ރިސޯޓު ތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 އިންސައްތަ މީހުންނަކީ ދިވެހިން ކަމުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި އިސްލާޙަށް މަޖިލިސްތަޅުމުން 4 ވޯޓު ލިބި އެ އިސްލާޙް ފެއިލްކޮށްލައިފިއެވެ.

އިއްޔެ މަޖިލިސްގައި ކުރިއަށްދިޔަ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި އެ އިސްލާޙާއި މެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ނެގުނު ވޯޓުގައި އެ އިސްލާހް ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވީ އެންމެ 4 މެންބަރެކެވެ. އެވަގުތު ޖަލްސާކުރާ މާލަމުގައި 67 މެންބަރަކު ތިއްބެވިއިރު، ނުފެންނަ ކަމަށް 57 މެންބަރަކު ވޯޓުދެއްވިއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 2 މެންބަރަކު ތިއްބެވިއިރު އެ އިސްލާޙް ފާސްކުރަން 30 ވޯޓު ބޭނުންވެއެވެ.

Ad
rt

މީގެ އިތުރުން ވެސް ވަޒީފާއާ ބެހޭ ގާނޫނަށް މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި އެއްވެސް އިސްލާޙެއް އިއްޔެގެ ތަޅުމުން ފާސްވެފައެއް ނުވެއެވެ.

އިއްޔެގެ ޖަލްސާގައި ވަނީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅި އިސްލާހު ފާސްކޮށްފައެވެ. އެ ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.

އިއްޔެ ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިއެވެ.