އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ.
ޑރ. ނަޒްލާ ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދާ މީހުން އެތަން ދޫކޮށްފައިދާއިރު އެތަންތަނަށް ގެއްލުން ނުދިނުމަށް ވެސް އިލްތިމާސް ކުރަށްވާފައި އެވެ.
"ފަރުދާ ކަފާލާފައި ހުރުމާއި ބެޑްޝީޓު ހަލާކުކޮށްލާފައި ހުރުމާއި ރޫމްގައި ހުންނަ އެކި ތަކެއްޗަށް ގެއްލުންދީފައި ހުންނަކަން އެބަ ފާހަގަ ކުރެވޭ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބައެއް ފަހަރު ނުތާހިރުކޮށް ތަކެތި ގެންގުޅެފައި ރޫމް ވެސް ވަރަށް ސާފުތާހިރުކަން ކުޑަކޮށް ހުންނަކަން ވެސް ފެސިލިޓީ ތަކުން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށާއި، އެފަދަ ކަންކަން ތަކުރާރުވާ މިންވަރު އިތުރުވާނަމަ، އެކަންކަން ކުރާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އަޅައި، ގެއްލުމުގެ ބަދަލު ހޯދަން ޖެހިއްޖެނަމަ އެކަން ކުރަންވެސް ފަހަށް ނުޖެހޭނެކަމަށެވެ.
ނަމަވެސް ފެސިލިޓީތަކަށް ދޭ ގެއްލުންތަކަށް އެއްވެސް މީހެއްގެ މައްޗަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ދާން ބޭނުން ނުވާ ކަމަށް ވެސް ނަޒުލާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 8486 މީހުން ކޯވިޑަށް ޕޮޒިވްވެފައި ވާއިރު، 1235 މީހުން މިހާރުވެސް އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!