ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ބޮސްނިއާ ބައްދަލު ކުރި މެޗު އެއްވަރުވިއިރު، ނެދަލެންޑްސްއާއި ޕޮލެންޑް ބައްދަލު ކުރި މެޗުން ނެދަލެންޑްސް މޮޅުވެއްޖެއެވެ.
ރޭ އިޓަލީއާއި ބޮސްނިއާ ބައްދަލުކުރި މެޗު ދެޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނުނު ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ރޯމާއަށް ކުޅެމުން އަންނަ ފޯވާޑް އެޑިން ޒެކޯ ވަނީ ބޮސްނިއާއަށް ލީޑު ނަގައިދީފައެވެ .މެޗުގައި އިޓަލީން ނަތީޖާ އެއްވަރުކުރީ 67 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއޭގެ އެހީއާއެކު ސްޓެފާނޯ ސެންސީ ކާމިޔާބުކުރި ލަނޑުންނެވެ.
ޔުއެފާ ނޭޝަންސް ލީގްގައި، އެންމެ ފަހުގެ ރަނަރަފް ނެދަލެންޑްސް އާއި ޕޮލެންޑް ބައްދަލުކުރި މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ނެދަލެންޑްސްއިން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ކަމިޔާބު ކުރީ ޓޮޓެންހަމް ހޮޓްސްޕާސްގެ ވިންގާ ސްޓިވަން ބާގްވިންއެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުގައި ޕޮލެންޑަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އެ ޓީމުން ރޭގެ މެޗަށް ނުކުމެފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ޓީމުގައި ނުހިމަނައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ކްރޮއޭޝިއާ، ފްރާންސް ސްވިޑެން، އައިސްލޭންޑާއި އިންގްލެންޑް އަދި ޑެންމާކާއި ބެލްޖިއަމް މިރޭ ބައްދަލުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!