މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދު "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު"އަށް އަމަލުކުރަން ފަށާފައި 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ.

Ad
rt

މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި، ކުރުން މަނާކަންތައްތައް ކަނޑައެޅުމާއި، އެކަންކަން އަންގައި ދިނުމެވެ.

މި ޤަވާއިދު ފާސްކުރުމާ ގުޅިގެން، ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުޞޫލު ބާޠިލުވެގެންދާނެއެވެ.

މިގޮތުން މި ޤަވާއިދުގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޖަލުގައި ބަންދުކުރެވޭ ކޮންމެ މުސްލިމަކު ކޮންމެ ދުވަހެއްގެ ފަރުޟު ފަސް ނަމާދުކުރުމާއި ކީރިތި ޤުރުޢާން ކިޔެވުމާއި ފަރުޟު ރޯދަހިފުމުގެ އިތުރުން ދީނީ އެހެން އަޅުކަންތައް ބަރާބަރަށް ކުރަންޖެހެއެވެ. އަދި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމިއްލަ ސާފުތާހިރުކަމަށާއި އުޅޭ ތަނުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމާއި އަދަބުވެރިކަމާއިއެކު ޖަލު އޮފިސަރުންނަށާއި ބަންދުކޮށްފައިތިބޭ އެހެން ފަރާތްތަކަށް މުހާތަބުކުރުން ހިމެނެއެވެ.

މީގެ އިތުރުން ޤައިދީންނާއި ބަންދު ކުރެވޭ އެއްވެސް ފަރާތެއް ކުރަން ނުވާ ކަންތައްތައް ތަފްޞީލުކޮށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން މި ޤަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ރާވާ ހިންގުމަށް ޖަލުތަކުން މަސައްކަތްކުރަމުންދާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުންޏެވެ.

"ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު"ގެ އިތުރުން "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭން ޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާއި ބެހޭ ޤަވާޢިދު" އަށް ވެސް ކަރެކްޝަނަލް ސަރވިސްއިން ވަނީ 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އަމަލު ކުރަން ފަށާފައި އެވެ.

މި ޤަވާޢިދުތަކަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މި ޤަވާޢިދުތައް ގެޒެޓް ކުރެވުމީ މުހިންމު މަސައްކަތެއް ކަމަށެވެ.

" މަންޑޭލާ ރޫލުގެ މިންގަނޑުތަކާއި އެއްގޮތަށް ޖަލުގެ ޤަވާޢިދުތައް ބަދަލުކޮށް ހިންގުމަކީ އަދުގެ ސަރުކާރުގެ ވަޢުދެއް، މި ޤަވާޢިދުތަކަށް އޮފިސަރުންނާއި ޤައިދީން އަހުލުވެރި ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ" ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވެބްސައިޓްގައި އެ ޤަވާއިދުތައް ވަނީ ޝާއިޢުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވެބްސައިޓް: https://corrections.gov.mv/regulations