ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ ގިނަ މަޝްރޫޢުތަކެއް ފަސް އަހަރުގެ ދައުރުތެރޭ ނުހިންގި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ނަމަވެސް މިހާރު މިއޮތް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ހދ. ނޭކުރެންދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ބައެއް މަޝްރޫޢުތައް މިހާރު ވެސް ހިނގަމުން ދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ.

Ad
rt

މަކުނުދޫ ދާއިރާގައި ހިމެނޭ ނޭކުރެންދޫއަކީ ވެސް ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްފަދައިން ތަރައްޤީއަށް ނުހަނު އެދިއެދިވާ ރަށެކެވެ. އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި އަންނަނީ ކުލަޖެހި، ކުލަވަމުންނެވެ. ދުނިޔެ ބަނަކޮށްލި ކޯވިޑްގެ ހިޔަނި ތަރައްޤީގެ މަޝްރޫޢުތަކަށް އެޅިފައި ވިޔަސް ނޭކުރެންދޫގެ ރައްޔިތުންނަށް ފެންނަން އޮތީ އުންމީދީ ދުވަސްތަކެއްކަން އެ ރަށުގައި ފެށެން ހުރި މަޝްރޫޢުތަކަށް ބަލައިލުމުން ވެސް އެނގިގެން ދެއެވެ.

މިހާ ހިސާބުން މި ހިމަަނައިލަނީ ނޭކުރެންދޫގައި ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކާއި، މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް، އެ މަސައްކަތުގައި ޝާމިލްވެ ވަޑައިގަންނަވާ، އެރަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ހާމަކުރަށްވާ ފައިވާ ގޮތަށެވެ.

  • ނޭކުރެންދޫގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތް، އޯފިޑް-އިންޑިއާ ފަންޑުން ހިންގޭ މަޝްރޫޢުއެއް، މިއަހަރުގެ ތެރޭގައި ފެށިގެންދާނެ
  • ނޭކުރެންދޫ ސްކޫލްގެ ބައުންޑްރީ ވޯލްގެ މަސައްކަތް، އެޑިއުކޭޝަން މިނިސްޓްރީއިން މި މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާނެ.
  • ނޭކުރެންދޫ ފެނަކަ އިމާރާތުގެ ބައުންޑަރީ ވޯލްގެ މަސައްކަތް ނިންމުން (މިރަށަށް މުޅިން އައު 250 ކިލޯވޯޓުގެ ޖެނަނޭޓަރު ސެޓެއް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައި، އަދި ކޭބަލް ނެޓްވޯކު އަޕްގްރޭޑް ކުރުމާއި، ފިއުލް ޓޭންކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި)
  • ނޭކުރެންދޫ ފުޓްޝަލް ދަނޑުގެ މަސައްކަތް ވަނީ ސަރުކާރުން ނިންމާފައި.
  • ނޭކުރެންދޫ އައުޓް ޑޯ ޖިމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ.
  • ނޭކުރެންދޫ ބޮޑު ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް، ކުރިއަށް ދާނެ.

ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު ރާޢީގެ ފޭސްބުކް ޕޭޖުގައި މިކަން ހާމަކުރަށް ވަމުން ވަނީ މިކަންކަން ހާސިލް ކުރުމުގައި ނޭކުރެންދޫގެ ލޮބުވެތި ރައްޔިތުންނާއި، ނޭކުރެންދޫ ކައުންސިލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓްގައި އެރަށަށް 9 މަޝްރޫޢެއް ޚާއްޞަކޮށްފައިވާއިރު، އެ މަޝްރޫޢުތަކަށާއި، އެ ރަށަށް 24,977,902.00 ރުފިޔާ ވަނީ ކަނޑައަޅާފައި އެވެ.