ޓުއަރިޒަމް މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް މަޖިލީހުން ރުހުން ދީފިއެވެ.

ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިއަދު މެންދުރު ފަހު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައެވެ. ޑރ. އަބްދުﷲ މައުސޫމަށް މަޖިލީހުން ރުހުން ދީފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

Ad
rt

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރިތާ މަހެއް ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް، ހުސްވި އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

ނަމަވެސް މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާގެ ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެހެން ކަމަށް ވުމުން އޭނާ ވަނީ 30 އޯގަސްޓް 2020 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އަލުން މިނިސްޓަރުގެ މަގާމަށް ހަވާލުވެ އެދުވަހު ވަނީ އަލުން ހުވާ ކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަންކުރުމުގެ ކުރިން ޑރ. މައުސޫމް ހުންނެވީ ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ.

ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން ޑރ. މައުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަމާއި، އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.

ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން އަދި ޑރ. މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި، ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވި ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަފީރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޑރ. މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ. މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ހޯއްދަވާފައެވެ. ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ.