ހައިޟުވުމާ ގުޅިގެން 1 ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކޮށް ވަޒީފާއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާޙަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތާއީދެއް ނުލިބުނެވެ.

އެ އިސްލާހް ކުރިއަށް ގެންދިއުމާއި މެދު ރޭ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ވަނީ ވޯޓަށް އަހައިފަ އެވެ. ނަމަވެސް އެ އިސްލާހް ކުރިއަށް ގެންދާ ވަރަކަށް ޕީޖީގްރޫޕްގެ ތާއީދެއް ލިބިފައެއް ނުވެއެވެ. އެކަން ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ކަށަވަރު ކޮށްދެއްވާފައެވެ.

Ad
rt

ސިރާޖް ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ޤާނޫނުގައި ބުނާ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަަށް ހައިޟުވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކޮންމެ މަހަކު 1 ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.

މި ޗުއްޓީއަށް އެދޭ މުވައްޒަފު އެ ޗުއްޓީ ހައްގުކަން ސާބިތު ކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާޙްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް ވަޒީފާއަށް ނުކުންނަ ނަމަ ކޮންމެ މަހަކު ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުންގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެމުވައްޒަފަަކަށް ދޭންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.

މި އިސްލާހު ގެންނަން ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ސިރާޖު ވިދާޅުވެފައިވަނީ، އަންހެން މުވައްޒަފުން ހައިޟުވާ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް ހައިޟުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލު ކުރަމުން އަންނަ އުސޫލަކަށްވާތީ ކަމަށެވެ.