މިދިޔަ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" ބޭއްވި ސިޔާސީ ހަރަކާތުގައި ކުރީގެ ރައީސް ވަހީދު ބައިވެރިވެ ވަޑައިގެންނެވީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ހުންނަވައިގެން ކަމަށް ރައީސް ވަހީދުގެ އޮފީހުން ބުނެފިއެވެ.

ރައީސް ވަހީދު އިއްޔެ ފުލުހުންގެ އިދާރާއަށް ޙާޟިރުވެ ވަޑައިގަތުމާއި ގުޅޭ ގޮތުން ރައީސް ވަހީދުގެ އޮފީހުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އިއްޔެ ހަވީރު 4:00 ގައި ރައީސް މުޙައްމަދު ވަޙީދު ފުލުހުންގެ އިދާރާއަށް ޙާޟިރުވެ ވަޑައިގެންފައިވާ ކަމަށާއި އަދި ޖަވާބުދާރީވުމަށް ފުލުހުންގެ އިދާރާއަށް މީގެ ކުރިން އެމަނިކުފާނު ޙާޟިރުކުރެވުނީ މީގެ 30 އަހަރު ކުރިން ކަމަށެވެ.

Ad
rt

ފުލުހުންގެ އިދާރާއަށް ރައީސް ވަޙީދު ޙާޟިރުވެ ވަޑައިގަތުމުން، އެމަނިކުފާނާ ސުވާލުކުރެވުނީ 2020
އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން "ޤައުމު ވިއްކާލުމާއި ދެކޮޅަށް" މިނަމުގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމާއި ގުޅޭގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ރާއްޖޭގެ 160 ރަށެއްގައި ކުރިއަށް ގެންދިޔަ މިސިޔާސީ ހަރަކާތުގައި، އިދިކޮޅު އިއްތިހާދުން ފާޅުކުރަމުންދިޔައީ، މިހާރު ދިމާވެފައިވާ ޞިއްޙީ ނުރައްކަލުގެ ޙާލަތުގައިވެސް، ޤާނޫނު އަސާސީން ދިވެހި އެންމެހައި ރައްޔިތުންނަށް ލިބިދޭ ސިޔާސީ އަދި އެއްވެއުޅުމުގެ ޙައްޤު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭނުންކުރުމަށެވެ."

ދިވެހި ބަހާއި، އިނގިރޭސިބަހުން ނެރުއްވާފައިވާ އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ މިހަރަކާތުގައި ރައީސް ވަޙީދު ބައިވެރިވެ ވަޑައިގަތުމުގައި، ޞިއްޙީގޮތުން އަޅާފައިވާ އެއްވެސް ފިޔަވަޅަކާއި ނުވަތަ އެންގުމަކާއި އެމަނިކުފާނު ޚިލާފުވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

"އެހަރަކާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" (ޕީ.ޕީ.އެމް) އޮފީހުގެ ދޮރުމަތީ ހުންނަވައިގެންކަން ފާހަގަކުރަމެވެ."

=ރައީސް ވަހީދުގެ އޮފީސް=

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް، ރާއްޖޭގައި ތިއްބެވި ޞިއްޙީ މާހިރުންނާއި ފަންނީ ބޭފުޅުންނާއެކު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ރައީސް ވަޙީދު ތައްޔާރަށްހުންނެވި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި ސިޔާސީ ހަރަކާތުގައި ރައީސް ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ، ފޮޓޯ: ޕީޕީއެމް

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު މަގާމުގައި ވެސް ހުންނެވި ރައީސް ވަހީދާއި އެ މައްސަލާގައި ސުވާލު ކުރުމަށް އިއްޔެ ފުލުސް އޮފީހަށް ހާޟިރު ކުރުމުން ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށެވެ. ފުލުުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ސިޔާސީ ބޭނުމެއްގައި ކަމަށާ އެކަމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ކަމަށާއި، ރައީސް ސޯލިހަކީ މިހާރަށްވުރެ ފުދޭ ބޭފުޅަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ ރައީސް ވަހީދު ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.