ނާގޯށި ހަދަން ހަވާލުކުރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ނިންމައިފިއެވެ.
މިއީ އެކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހާތާ 11 އަހަރު ދުވަސް ފަހުން ފުރަތަމަ ފަހަރަށް ހިއްސާގެ ފައިދާ ބަހަން ނިންމި ފަހަރެވެ.
އެކުންފުނިން މިގޮތަށް ނިންމާފައި ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހި ވޯޓު" ޕޯޓަލް މެދުވެރިކޮށް ރޭ ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.2 މިލިއަން ޑޮލަރު (19.1 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރޭގެ ޖަލްސާގައި އެމްޓީޑީސީން ވަނީ، އެ ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުންގެ ތެރެއިން 5 ޑިރެކްޓަރުން ވެސް އިންތިހާބުކޮށްފަ އެވެ. އެގޮތުން އިންތިހާބުވެފައިވަނީ އަސާމީ ރުޝްދީ، އަހުމަދު މުޖުތަބާ، އައިޝަތު ފަޒީނާ، އަހުމަދު ނިޔާޒު އަދި އިބްރާހިމް ލަތީފު އެވެ.
މީގެ އިތުރުން، އެކުންފުނިން ވަނީ، ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުފެއްދިތާ 14 އަހަރުވިއިރު، ގިނަ އަހަރުތަކުގައި ލިބިފައި ވަނީ ގެއްލުމެވެ.
އެމްޓީޑީސީގެ ދަރަނިތައް ފިލުވައި ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރަން އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން މިދިޔަ އަހަރު ބުނެފައިވެ އެވެ. އެގޮތުން، ސަރުކާރުން ވަނީ، ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އަނެއްކާ ވެސް އެމްޓީޑީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުގަ އެވެ.
ނާގޯށި ނިންމަން އެމްޓީޑީސީ އާއިއެކު އައު ލީސް އެގްރިމެންޓެއްގައި ސޮއިކޮށްފި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!