ފުރަތަމަ ކޮރޯނާވައިރަސްގެ ކޭހެއް ދުނިޔެއިން ރިޕޯޓް ކުރި ޗައިނާގެ ވޫހާން ސިޓީގެ ސްކޫލްތައް ހުޅުވާލަން ނިންމައިފިއެވެ.
މިގޮތުން އެ ޤައުމުގެ ސަރުކާރުން އެކުލަވާލި ގައިޑްލައިނާއެކު ވޫހާން ސިޓީގެ ކިޔަވައިދޭ ތަންތަން މިފެށޭ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލަން އެ ޤައުމުން ވަނީ ނިންމާފައެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް އޮންލައިންކޮށް ކިޔަވައިދެމުން ދިޔަ އެސިޓީގައި 2842 ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކާއި، މަރުކަޒުތައް ހުރެއެވެ. 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގައި 1.4 މިލިއަން ކިޔަވާކުދިން އެބަތިއްބެވެ.
އެ ސިޓީގެ ސްކޫލްތައް ހުޅުވާލާއިރު އަލުން ބަލީގެ ހާލަތު ކޮންޓްރޯލުން ނެއްޓިދާނެ ހާލަތަކަށް ދަރިވަރުން ތައްޔާރުވެ ތިބުމަށްޓަކައި ޑްރިލްތަކާއި، ތަމްރީނު ކްލާސްތައް ކުރިއަށް ގެންދިއުމަށް ސްކޫލްތަކަށް ސަރުކާރުން އަންގާފައިވާއިރު، ސްކޫލްތަކުގެ ކިޔެވުން ފެށުމުން ބަލީގެ ހާލަތު އަލުން ގޯސްވާން ފަށައިފިނަމަ އަމަލުކުރާނެ އިމަޖެންސީ ޕްލޭނެއްވެސް އެކަށަހަޅައި، އެހާލަތު އަތުވެއްޖެ ނަމަ އަލުން އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށް ވަނީ ނިންމާފައެވެ.
ސްކޫލްތައް އަލުން ހުޅުވުމުން ދަރިވަރުން ސްކޫލަށް ދާއިރުއާއި، ސްކޫލުން އެނބުރި ގެއަށްދާއިރުވެސް މާސްކު އެޅުމަށާއި، ސްކޫލްތަކުގެ ދަރިވަރުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ނުކުރުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ކޯވިޑް-19 ބަލި ފެތުރުން ހުއްޓުވުމަށް ބޭނުންވާ ސާމާނު ހޯދާފައި ބަހައްޓަން ސިޓީ ސަރުކާރުންވަނީ ސްކޫލްތަކަށް އަމުރުކޮށްފައެވެ.
2019 ވަނަ އަހަރު ޑިސެމްބަރު ފަހުކޮޅު ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީ 11 ހަފުތާ ވަންދެން ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހު އާންމުކޮށް ހުޅުވާލާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!