ޔޫތު ސިޓީގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހުޅުމާލޭގެ ގިނަ މަގުތަކެއްގައި ހައްދާފައިވާ ފިތުރޯނު ގަސްތަކުން ބައެއް ގަސް ނަގަން ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
ހުޅުމާލޭގެ އުތުރުގެ ސަރަހައްދުގައި އެކީ އެކައްޗަކަށް ހައްދާފައިވާ މި ގަސްތަކުގެ ތެރެއިން ބައެއް ގަސް ނެގުމަށް އެޗްޑީސީން ނިންމާފައިވަނީ އެ ގަސްތައް ހެދި ބޮޑުވުމުގެ ސަބަބުން އެ ހިސާބުގެ މަގުތަކަށް ގެއްލުންވަމުން އަންނާތީއާއި އަދި އެ ގަސްތަކުގެ ފަތްތަކުން މަގުތަކުގެ ޑްރެއިނޭޖް ސިސްޓަމް ބްލޮކްވެ މަގުތައް ބަލަހައްޓަން ވެސް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނާތީ ކަމުގައެވެ.
ހުޅުމާލޭގެ މިސަރަހައްދަކީ ފެހިކަންގަދަ ހިތްގައިމު ސަރަހައްދެކެވެ. ނަމަވެސް ގަސްތައް ބޮޑެތިވެ ބައެއް ގަސްތަކުން ފައިބާފައިވާ މޫތައް ފަލަވެ މަގުގައި އަޅާފައިވާ ތާރުގަނޑު ފަޅަފަޅައިގެން ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިއަދު އެޗްޑިސީންވަނީ އާންމުކޮށްފައެވެ.
The issues of poor urban planning are never-ending.
Casuarina was planted to stop erosion and to hold the earth together. Why were they planted in areas they had to be removed when mature? What will hold the earth together now? Concrete?
Hulhumale' no longer needs heylhi? https://t.co/fr3dg64ntx— #SaveMaldives Campaign (@SaveMaldivesMV) August 29, 2020
ހުޅުމާލޭގެ އަތިރިމައްޗަށްވާ ހިސާބުން މި ގަސްތައް އެންމެ ކުރިން އިންދީ ރަށްގިރުން ހުއްޓުވުމަށް ކަމަށާއި މިހާރު ދުވަސްވެ ގަސްތަކުގެ ސަބަބުން މަގުތަކުގެ މެއިންޓެނަންސް މަސައްކަތަށް ބުރޫ އަރާތީ އަންނަ ހަފުތާއިން ފެށިގެން ބައެއް ގަސްތައް ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މަގުތަކުން ނެގުމަށް ހަމަޖެހިފައިވާ ގަސްތައް ނެގުމަށް ފަހު އެ ގަސްތައް އެހެން ސަރަހައްދެއްގައި ޖަހާނެ ކަމަށާއި ނުވަތަ އޭގެން ބޭނުން ހިފޭ އެހެން ކަމެއް ކުރާނެ ކަމަށެވެ. އަދި ނެގޭ ގަސްތަކުގެ ބަދަލުގައި އެ ތަންތާގައި އިތުރު ގަސް އިންދުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ފެހިކަން ބަރޯސާވެފައިވާ މި ގަސްތަކުގެ ތެރެއިން ބައެއް ގަސް ނަގަން ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!