މާލޭގެ ހެންވޭރުގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަދި މިހާތަނަށް އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށް ފެނާއި ފޯމް ބޭނުންކޮށްފައިވެއެވެ.
އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވި ކަމަށް އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި ހުރި ކެފޭއެއްގައި ކަމަށެވެ. ނަމަވެސް ފަހުން އަލިފާންގަނޑު ވަނީ އުރީދޫ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ވެސް ހިންގާ އިމާރާތަށް ފެތުރިފައެވެ. މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.
އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް އާއްމު ރައްޔިތުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ބުނީ އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސް ކުރަނީ ދުމުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.
ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އެ އޮތޯރިޓީގެ ފަރާތުން ދަނީ މޮނީޓާ ކުރަމުން ކަމަށެވެ.
މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ މިއޮތޯރިޓީގެ ފަރާތުން މިދަނީ މޮނީޓަރ ކުރަމުން.
— NDMA Maldives (@NDMAmv) August 28, 2020
ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ
— Ministry of Health (@MoHmv) August 28, 2020
ހެލްތު މިނިސްޓްރީން ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދުން ހުރުމާއެކު، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިންމެވެ. އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ އަސަރު ކުރުމަކީ ނުރައްކާވެދާނެ ކަމެކެވެ.
އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ ކޮވިޑް19 ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް 1676 އަށް ގުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!