ރޭގަނޑު 8 ފަހުން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރުމުން ވިޔަފާރިތައް ހުއްޓުމުން އެކަމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެެއާމަންގެ މަގާމުގައި ވެސް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

ވިޔަފާރިތައް ހުއްޓިއްޖެނަމަ އޭގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެކަން ފާހަގަ ކުރަށްވާ ނާޒިމް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ މައިބަދަ ކަމަށެވެ. ވެހިކަލް ދުއްވުން މަނާކުރާ ދެ ގަޑިއިރުގެ ސަބަބުން އެ ވިޔަފާރިތައް މުޅިން ހުއްޓިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވެ ނާޒިމް ކުރެއްވި އެ ޓުވީޓުގައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، އެ މިނިސްޓްރީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރަށްވާފައެވެ.

ވިޔަފާރިތަކަށް މިހާރު ހުއްދަ ދީފައިވަނީ ހެނދުނު 9 ކުން ފެށިގެން ރޭގަނޑު 10 އަކަށެވެ. މާލެ ސަރަހައްދުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މިހާރު ވަނީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ. އޭގެ ކުރިން ރޭގަނޑު 10 ކުން ފެށިގެން ފަތިހު ފަހަކަށް މާލެ ސިޓީގައި ދަނީ ކާފިއު ހިންގަމުންނެވެ.