ކޯވިޑް-19 އާއި ގުޅިގެން ދެމުން އަންނަ ލުއިތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފައި ވަނީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.

Ad
rt

މިގޮތަށް މުއްދަތު އިތުރުކުރި ނަމަވެސް އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، ވަކިގޮތެއް އަންގަންދެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭގޮތް ސަރުކާރުން ވަނީ ހަދާފައެވެ.

މީގެއިތުރުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށް ދޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މިގޮތަށް އަމަލު ކުރަމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެފަހުން އެއްމަސް ދުވަހުގެ މުއްދަތެއް އިތުރު ކުރުމަށްފަހު ޖުލައިން މަހުގެ ނިޔަލަށް ތާރީހު ބަދަލު ކުރިއެވެ. އަދި އޭގެ ފަހުން މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ނުވާތީ މި އަހަރުގެ ނިޔަލަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޯވިޑް ބަލީގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު، ކުރިން ބޮޑަށް ބަލި ފެތުރެމުން ދިޔައީ މާލެ ސަރަޙައްދުގައި ނަމަވެސް މިހާރު މިބަލި ވަނީ ރާއްޖޭގެ ގިނަ އަތޮޅު ތަކަށް ފެތުރިފައެވެ.