މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންކަމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދީފައިވެއެވެ.
އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ. މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް މިދިޔަ ފެށިގެންވަނީ ހަމަޖައްސަވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ހަތަރުވަނަ ގިންތީގެ ގޮތުގައި، މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވާފައެވެ. އެއީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ، ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުން އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް ، އެމަސައްކަތްތަކުގެ ފެންވަރެއްގައި ވަޒަންކުރުމަކީ ، ވަރަށް މުހިއްމު ކަމެއްކަމަށްވާތީ ، އެފަދަ ޒުވާނުންނަށް މިއަހަރު އިނާމަށް ފުރުޞަތު ހުޅުއްވައިލައްވަން ޒުވާނުންނަށް ކުރައްވާކަމަށް ފުރުޞަތު ހުޅުއްވައިލައްވަން ވަނީ ވިދާޅުވެފައެވެ.މިގޮތުން ޚާއްޞަ އިނާމާބެހޭ ކޮމިޓީން އިތުރުކުރެއްވި ގިންތިއަކީ ، ހުނަރުވެރި ، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ޚާއްޞަ އިނާމާބެހޭ އުސޫލު ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.މި ފުރުޞަތު ހުޅުއްވައިލައްވާފައިވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 27ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.ޚާއްޞަ އިނާމު ދެއްވާނީ ، ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުއްވަންޖެހެނީ ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު ، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!