ރައްޔިތުންނަށް ދެ އިރު ކެވޭނެ ފަދަވެސް ނެތިފައި ތިބި ވަގުތެއްގައި ރައްޔިތުންގެ މަންދޫބުން ބޮޑު ޚަރަދުކޮށްގެން ބޭނުން ވަނީ ވެރިކަމުގެ ނިޒާމާމެދު ޚިޔާލު ހޯދަން ވޯޓު ނަގަން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ނައިބު ރައީސް، އަނީސާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އަނީސާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު މަޖިލިސްއަށް ހުށަހަޅުއްވާފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމު ރިޔާސީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދެއްކެވުމުން، ކުރީގެ ރައީސް ނަޝީދު، ރައީސް މައުމޫނަށް ރައްދުދެއްވައި މީސް މީޑިއާ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އެސްކޯގައިވެސް ހިމެނިވަޑައިގަންނަވާ އަނީސާ ވިދާޅުވީ ރައްޔިތުންގެ އެތައްބަޔަކު ދެއިރު ހަމައަށް ކެވޭނެ ފަދަ ނެތިފައި ތިއްބާ ރައްޔިތުންގެ މަންދޫބުން ވިސްނަނީ ދައުލަތުން ބޮޑު ޚަރަދުކޮށްގެން ވެރިކަން ކުރާނެ ނިޒާމަކާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނަގަން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަންދޫބުންތޯ އަނީސާ ވަނީ ސުވާލު ކުރަށްވާފައިއެވެ.
"ރައްޔިތުންގެ އެތައްބަޔަކު ދެއިރު ހަމައަށް ކެވޭނެ ފަދަ ނެތިފައި ތިއްބާ ރައްޔިތުންގެ މަންދޫބުން ވިސްނަނީ ދައުލަތުން ބޮޑު ޚަރަދުކޮށްގެން ވެރިކަން ކުރާނެ ނިޒާމަކާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނަގަން، މީ ހަމަ ރައްޔިތުންގެ މަންދޫބުންބާ؟"
=އަނީސާ އަޙްމަދު=
Rayyithunge ethahbayaku 2 iru hamayah keveynefadha nethifa thibbaa rayyithunge mandhoobun visnanee dhaulathun bodu kharadhu koggen verikankuraane nizaamakaa medhu rayyithunge khiyaalu hoadhan vote nagan. Mee hama Rayyithunge mandhoobunbaa?
— AneesaAhmed (@AneesaAhmed19) August 25, 2020
ރާއްޖޭގެ ވެރިކަމުގެ ނިޒާމަކަށް ރިޔާސީ ނިޒާމު އޮތުމަށް ތާއީދު ކުރަށްވާ ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެގޮތަށް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
މައުމޫނު މިގޮތަށް ވިދާޅުވުމުން އެޔަށް ރައްދުދެއްވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވަނީ އޮޅުވާލައި މަކަރު ހައްދަވާފައި ކަމަށެވެ. އަދި 2007 ވަނަ އަހަރުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުވެސް ރައީސް މައުމޫނު އޮޅުވާލެއްވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ަ"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!" ރައީސް ނަޝީދު އެހެން ވިދާޅުވުމުން ރައީސް މައުމޫނު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!