ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް މައުމޫންވެސް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ. އެކަން ހާމަކުރެއްވީ ރައީސް މައުމޫން މީގެ ކުޑައިރު ކޮޅެއްގެ ކުރެއްވި ޓުވީޓެއްގަ އެވެ. އެނގިފައިވާ ގޮތުގައި މިއަދު އެމަނިކުފާނު ވަނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ. އަދި ކޮވިޑަށް ޓެސްޓް ކުރައްވާފައެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަވަމުންނެވެ.

އުމުރުފުޅުން 83 އަހަރުގެ ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ، އެމަނިކުފާނަށާއި އެބަލި ޖެހިފައިވާ އެހެން މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲގެ ހަޒްރަތުން ދުއާ ދަންނަވައިފަ އެވެ.

ރައީސް މަޢުމޫން ކޯވިޑަށް ޕޮޒިޓިވްވީ ކިހިނެތް ކަމެއް އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ކޯވިޑަށް ޕޮޒިޓިވް ކަމެއް އަދި ސާފެއް ނުވެ އެވެ.

ރޯގާޖެހި އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. ފަހަކަށް އައިސް އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވެސް ވަޑައިގެން ފަރުވާ ހޯއްދަވައެވެ.

ރައީސް މަޢުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރެއްވުމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ އާންމުން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރައްވާ ޓުވީޓް ކުރައްވަމުންނެވެ.

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ޝަޚްސިއްޔަތެކެވެެ.