މިއަހަރު ނިމުމުގެ ކުރިން ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ދިއްދޫގައި ގާއިމު ކުރަމުންދާ ޓާފް ދަނޑުގެ މަސައްކަތް ނިމޭނީ ކިހާތާކުތޯ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިހާރު އެރަށަށް ދަނޑުގައި އެޅުމަށް ބޭނުންވާ ޓާފް ވެސް ގެންދެވިފައި ވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މެންބަރު ވަހީދުގެ ވަރަށް ބޮޑު ބައިވެރި ވުމާއިއެކު ދިއްދޫގައި މަސައްކަތްތަކެއް ކުރެވި، ކަންކަމަށް ހައްލުވެސް ހޯދިފައިވާ ކަމަށެވެ.
"މިހާރު ސްވިމިންގ ޓްރެކު އެޅިއްޖެ. ބޮޑު ފުޓުބޯޅަދަނޑުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އިތުރަށް އޮތް އެހެން ދަނޑެއް ލެވަލްކޮށް، ވަގުތީ ގޮތުން ޙައްލެއް ހޯދުމަށް މިހާރު އެކަން ވެސް އެބަދޭ. އަދި
މީގެ އިތުރުން ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެންނަށް ހަމަ ވަނީ، އިއްޒަތްތެރި މެންބަރު އެކަމުގައި ވަރަށް ބޮޑަށް ހަމަ ބައިވެރިވެ ވަޑައިގެން އަޅުގަނޑުމެންނަށް އެ ކަންކަމަށް ޙައްލުތަކެއް ހޯދިފަ" މިނިސްޓަރު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ދިއްދޫ ފުޓުބޯޅަދަނޑުގައި ޓާފް އަޅައި ނިމޭނެ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ މި އަހަރު ނިމެންވާއިރު އެހެންނޫންތޯ. މިހާރު ޓާފް ވެސް ވާނީ ރަށަށް ފޮނުވިފަ. އަދި ސަބް ބޭސްގައި ވެސް ދިމާވި މައްސަލަތައް ޙައްލުކޮށް، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއަހައި އަލުން އެކަން އިޞްލާޙު ކޮށްގެން އެކަން ނިންމައިލާފައި، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ރަށުގެ، ދިއްދޫގެ އެ ދަނޑުގައި އިރާދަ ކުރެއްވިއްޔާ ކުޅެވޭނެ ކަމަށް އަޅުގަނޑު ވަރަށް އުއްމީދުކުރަން."
މިނިސްޓަރު މަޚްލޫފް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ދާއިރާގެ ޒުވާނުން ތަރައްޤީގެ ކަންކަމުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެފައިވާ ކަންކަމާއި ގުޅޭ، ސީދާ މިނިސްޓްރީއާއި މަޝްވަރާކޮށްގެން އެ ފަރާތްތަކާއި އެކީގައި އެކަމުގައި އެހީތެރިވުމަކީ މިނިސްޓަރު ގެންގުޅުއްވާ ވިސްނުން ފުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!