މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ރާއްޖޭގެ އެކި ރައްތަކުގައި އަޅަމުންދާ ފަތާ ޓްރެކްތަކުގެ ތެރެއިން ހަތަރު ރަށެއްގެ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފިއެވެ.

ރާއްޖޭގައި ކުޅަދާނަ ފެތުންތެރިން އުފައްދައި އަދި ފެތުމަށް ލޯބިކުރާ ފަރާތްތަކަށް އެކަން ކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމް ކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ތެރެއިން ހދ.ކުޅުދުއްފުށި، ހއ.ދިއްދޫ، ސ.މީދޫ އަދި ސ.ފޭދޫގެ ފަތާޓްރެކްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް ޔޫތު މިންސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

Ad
rt

މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހދ.ކުޅުދުއްފުށި، ހއ.ދިއްދޫ، ސ.ފޭދޫ އަދި ސ.މީދޫ، މި ހަތަރު ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފަތާ ޓްރެކްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މި ޓްރެކްތަކުގެ ބޭނުން ހުރިހާ އެންމެންވެސް އެންމެ ފުރިހަމައަށް ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ރަށްރަށުގައި ފެތުމުގެދާއިރާއިން ހުނަރުވެރި ފެތުންތެރިންތަކެއް އުފެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި އަންނަ އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެކްތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި މިނިސްޓަރ ކުރެއްވި ޓްވީޓްގައިވެއެވެ.

މި ޓްރެކްތަކުގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަނީ ރާއްޖޭގެ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

ދިވެހި ސަރުކާރުން ރާއްޖޭގައި އެކި ރައްތަކުގައި އެކިއެކި ކުޅިވަރު ކުޅުމަށް ބޭނުންވާ ފެސިލިޓީސް ޤާއިމް ކުރުމަށް އަންނަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ފުޓްސަލް ދަނޑުތައް ހަދަމުން އަންނަ އިރު ޓާފް އަޅައިގެން ތަރައްޤީ ކުރާ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ވެސް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ.

މިގޮތުން ނ.ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ ޓާފު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވާކަމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.