މާދަމާއިން ފެށިގެން ރޭގަނޑު 8އިން ފެށިގެން ފަތިހު 5އަށް ގުރޭޓަރ މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
މިއީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
މިބަދަލާއިއެކު ފިހާރަތަކުގެ ޑެލިވަރީ ފަދަ ކަންކަން ވެސް 8:00އާ ހަމައަށް ނިމޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.
މާދަމާ ރެއިން ފެށިގެން އަލަށް އަޅާ މި ފިޔަވަޅާއެކު ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން ދެމި އޮންނާނެއެވެ. އަދި ވެހިކަލް ދުއްވުން މާދަމާ ރޭ 8 އިން ފެށިގެން މަނާ ކުރި ނަމަވެސް ރޭގަނޑު 10 ޖަހަންދެން ފައިމަގުގައި ބޭރުގައި އުޅެވޭނެއެވެ.
"އެކަން ތަންފީޒުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރު ފުރަތަމަ ފަހަރުގައި ނަސޭހަތްތެރިވާނަން. ދެވަނަ ފަހަރަށް މަނާ ގަނޑީގައި އެ ވެހިކަލް ޗެކްކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އަދި އެކަން ތަކުރާރުވާނަމަ އެ ވެހިކަލެއް އަޅުގަނޑުމެން ޓޯ ކުރާނަން. އޭގެ ފަހުގައި އެ އުޅަދެއް ދޫކުރެވޭނީ އެ ޖޫރިމަނާ ދެއްކުމަށްފަހު،"
ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވެހިކަލް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށެވެ.
މާލޭގައި ކޮވިޑް-19 ކޭސްތައް ފެންނަ މިންވަރު އިތުރުވި ނަމަވެސް މިހާރު ވެސް މާލޭގެ މަގުތަކުގައި ވަރަށް ގިނަ މީހުން ހަރަކާތްތެރިވެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ވެހިކަލްތައް ގިނަކަން ފާހަގަވެއެވެ. ގިނަ މަގުތައް އޮންނަނީ ތޮއްޖެހިފައެވެ.
ރާއްޖެއިން ކޮވިޑް ޖެހި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6564 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4012 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 191 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 3 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 25 މީހަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!