މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގައި ހުރި 50 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ރާސްތާ ދޯނީގެ ދިވެހި ފަޅުވެރިޔަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން ރިޕޯޓްކުރުމުން، އެމްއެންޑީއެފް މާލެ އޭރިއާގެ ސްކޮޑްރަންއިން އެ ދޯނި ކ. ގުރައިދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.
މިހާދިސާ ރިޕޯޓްކުރިއިރު އެ ދޯނި މަސްވެރިކަން ކުރަމުންދިޔައީ ކ. ގުރައިދޫއާ 3 ނޯޓިކަލް މޭލު ދެކުނުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ހާލު ދެރަވެގެން ގުރައިދޫއަށް އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ގުރައިދޫ ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އެހެން މައުލޫމާތެއް، ނިޔާވި މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް ހޮސްޕިޓަލުން ހިއްސާއެއް ނުކުރެއެވެ.
ރާއްޖޭގައި މިހާރު ހަލުވި ކަމާއިއެކު ކޯވިޑް 19 ގެ ބަލުމަޑުކަން ފެތުރެމުން ދާތީ ކުއްލި ގޮތަށް ނިޔާވާ މީހުން ބައްޔަށް ފައްސިވެފައިވޭތޯ ބެލުމަށް ޓެސްޓުހަދައެވެ. މިއަދު ނިޔާވި މީހާވެސް ކޯވިޑް 19 އަށް ވަނީ ޓެސްޓު ކޮށްފައެވެ. އެހެން ނަމަވެސް އަދި ނިޔާވި ފަރާތުގެ ނަތީޖާ ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!