ބާރުގަދަ ދެތޫފާން އުފެދެމުން އަންނާތީ ގަލްފް ކޯސްޓްގައި ދިރިއުޅޭ މީހުން ސަމާލުވެތިބުމަށް އިންޒާރު ނެރެފިއެވެ.

މިތޫފާނުތަކުގެ އަސަރު ކުރިއަށްއޮތް ދުވަސްތަކުގައި ފޯރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

Ad
rt

އެންމެ ފުރަތަމަ އަރާނެކަމަށް ލަފާކުރެވޭ ތޫފަނަށް ވަނީ "ލައުރާ" ގެނަމުން ނަންދީފައެވެ. މިހާރު އެތޫފާން އުފެދެމުން ދަނީ ޕުއަރޓޯ ރީކޯ މަތީގައެވެ. މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހިސްޕަނިއޯލާ އަދި ކިއުބާއަށް މިތޫފާންގެ އަސަރު ކުރާނެއެވެ.

ދެވަނަ އަށް އުފެދިފައިވާ ތޫފާނަށް ވަނީ "މާރކޯ" ގެނަމުން ނަންދީފައެވެ. މިތޫފާން އުފެދިފައިވަނީ ޔުކާޓާން ޕެނިންސިއުލާގެ އިރުމަތީ ފަރާތުންނެވެ. ބެލެވޭ ގޮތުގައި މިތޫފާންގެ ސަބަބުން ޕެނިންސިއުލާ ސަރަހައްދަށް ބޯކޮށްވާރޭގެ ވެހުމަށްފަހު ތޫފާން ދަތުރުކުރާނީ އެމެރިކާއިން ދެކުނާއި ދިމާލަށެވެ.

ސީއެންއެންގެ މިޓިއޮރޮލޮޖިސްޓް ޑޭވް ހެނަން ބުނެފައިވާގޮތުގައި މިދެތޫފާނުގެ ބާރުގަދަކަމާއި، ދެތޫފާނުން އެންމެ ބާރުގަދަވާނީ ކޮން ތޫފާނެއްކަން އަދި ބުނަންނޭގޭކަމަށެވެ. އަދި ދެ ތޫފާން އެއްވެ ލަފާކުރާ މިންވަރަށް ވުރެން ބޮޑެތި ގެއްލުވުން އެކަށީގެންވެއެވެ.

ދެތޫފާނުގެ މިސްރާބް ގަލްފްއޮފް މެކްސިކޯއާއި ދިމާލަށް ހުރިއިރު މިއީ މިހާތަނަށް ތާރީހުގައި މިގޮތަށް ތޫފާން އުފެދުނު 3 ވަނަ ފަހަރެވެ. މީގެ ކުރިން މިހެން އެއްފަހަރާ ދެތޫފާން އުފެދުނީ 18 ޖޫން 1959 ވަނަ އަހަރު އަދި 5 ސެޕްޓެމްބަރ 1933 ވަނަ އަހަރެވެ.