އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް މިއަދު 18 މީހަކު ފޮނުވާލެވިފައިވާ ކަމަށް އާސަންދަ ކުންފުނުން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ބުނެފައިވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ފަސްވަނަ ބެޗް މިއަދު ހަވީރު 16:15 ގަ އިންޑިއާގެ ކޮޗިންއަށް ފުރުވާލެވިފައިވާ ކަމަށެވެ. އަދި މި ބެޗްގަ އާސަންދައިގެ ޚަރަދުގަ 18 ބަލިމީހުންނާއި 18 އެހީތެރިންގެ އިތުރުން 4 މެޑިކަލް އެސްކޯޓުންވަނީ އިންޑިއާއަށް ގޮސްފައިކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

Ad
rt

ކޯވިޑް-19 ބަލިމަޑު ކަމުގެ މި ދަނޑިވަޅުގައި ބަލިމީހުން އިންޑިއާއަށް ފޮނުވާލުމުގެ ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާއި އިންޑިއާގަ ހުންނަ ދިވެހި ހައި ކޮމިޝަނުން ދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް އާސަންދަ ކުންފުނީގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ވަރަށް ހާއްޞަ ޝުކުރެއް ދަންނަވާފައެވެ.

ފަސްވަނަ ބެޗްގައި މިއަދު ފުރާފައިވާ މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުން ކަމަށް އާސަންދަ އިން މައުލޫމާތު ދެއެވެ.

އާސަންދައިގެ ހަރަދުގައި ބޭސްފަރުވާ އަށް މިހާތަނަށް ރާއްޖެއިން 200 އަށް ވުރެ ގިނަ މީހުން އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.